ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންއާ ގުޅޭ ސިޔާސަތުތައް ބައްޓަން ކޮށްފައި ވާ ގޮތުން، ރީތި ސުލޫކުގެ މަގުން ދުނިޔެ ކަސިޔާރު ވުމުގެ ނުރައްކަލާ ކުރިމަތިވަމުން އަންނަ ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ދެއްވައިފިއެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ، ފަގީރު ގައުމުތަކުގައި ނާޒުކު ހާލުގައި ތިބި މީހުންނަށް ކޮވިޑް ވެކްސިން ނުލިބި އުޅެނިކޮށް، މުއްސަނދި ގައުމުތަކުގައި ތިބި ދުޅަހެޔޮ ޒުވާނުންނަށް ވެކްސިން ލިބުމަކީ އިންސާފެއް ނޫން ކަމަށެވެ.

މުއްސަނދި 49 ގައުމެއްގައި 39 މިލިއަން ޑޯޒްގެ ވެކްސިން ދީފައި ވާއިރު، ފަގީރު ގައުމުތަކުގައި އަދި ދެވިފައި ވަނީ އެންމެ 25 ޑޯޒް ކަމަށްވެސް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން ޢަބްދުލްޢަޒީޒު ކޮވިޑް-19ގެ ވެކްސިން ޖައްސަވަނީ / ފޮޓޯ: ފްރާންސް24

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާ، އިންޑިއާ، ރަޝިއާ، އިނގިރޭސިވިލާތް އަދި އެމެރިކާއިންވެސް ވަނީ ވެކްސިން އުފައްދާފައެވެ. ބައިނަލްއަގުވާމީ އިއްތިހާދުތަކުގެ ތެރެއިންވެސް ވެކްސިން އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި ގައުމުތަކުން ވެކްސިން ދިނުމުގައި އިސްކަން ދެނީ އެ ގައުމެއްގެ އާބާދީއަށް ފުރަތަމަ ޑޯޒްތައް ފޯރުކޮށްދިނުމަށް ކަމީ، ފޮރުވެން އޮތް ހަގީގަތެއް ނޫނެވެ.

ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ސާފު ބަހުން ހަގީގަތަށް ވާހަކަދައްކަވަން އޭނާއަށް ޖެހިފައި ވާ ކަމަށެވެ. އެގޮތުން ދުނިޔެ މިހާރު އޮތީ ރިވެތި ސުލޫކުގެ މަގުން ކަސިޔާރުވުމުގެ ތުންފަތް މަތީގައި ކަމަށާ، މިކަމުގެ އަގު އަދާ ކުރަނީ ފަގީރު ގައުމުތަކުގައި ދިރިއުޅޭ މީހުން، އެމީހުންގެ ފުރަނައާއި ދިރިއުޅުން ގުރުބާން ކޮށްގެން ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކޮވިޑް-19) ވެކްސިން ޖެއްސެވުމުގެ މަރުހަލާގެ ތެރޭގައި / ފޮޓޯ: ސީބީސީ

"ފުރަތަމަ އަހަރެން"ގެ ފިކުރަކީ، އަމިއްލަ ނަފުސު ހަލާކުކޮށްލަނިވި ފިކުރެއް ކަމަށާ، މި ފިކުރަކީ ވެކްސިންގެ އަގުތައް އުފުލާ، އެއް ތަނަކަށް ވެކްސިން ޖަމާ ކުރުމަށްވެސް މަގުފަހި ކުރަނިވި ފިކުރެއް ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

މިކަމުގެ ނަތީޖާއަކަށް ވާނީ ބަލިމަޑުކަން ދިގުލާ ދިއުން ކަމަށާ، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރިމަތިކޮށްފައި ހުރަސްތައްވެސް ދަންމާލުން ކަމަށާ، ނަތީޖާއެއްގެ ގޮތުން އިންސާނިއްޔަތާއި އިގުތިސޯދަށް އެކަމުގެ ތަކުލީފު ފޯރާނެ ކަމަށް ޑރ ޓެޑްރޯޒް އިންޒާރު ކުރެއްވިއެވެ.

ހަމަހަމަ އުސޫލަކުން ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން އެކުލަވާލާފައިވާ ކޮވެކްސް މަޝްރޫއަށް އެއްބާރުލުން ދިނުމަށް ޓެޑްރޯޒް ވަނީ ގޮވާލައްވާފައެވެ. ކޮވެކްސް ފެސިލިޓީގެ ތެރެއިން ގައުމުތަކަށް ފޯރުކޮށްދޭ ވެކްސިން ޝިޕްމަންޓް، އަންނަ މަހު ފޮނުވަން ފެށޭނެ ކަމަށް ހަބަރު ލިބެއެވެ.

އިންޑިއާއިން ފުރަތަމަ 2 ދުވަހު 2 ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ދީފައިވޭ / ފޮޓޯ: ސީީއެންބީސީ

"އަޅުގަނޑު އަމާޒު ކަނޑައަޅާފައި ވާނީ، މިއަހަރުގެ ސިއްހަތު ދުވަސް އަންނައިރު، ހުރިހާ ގައުމެއްގައިވެސް ކޮވިޑް-19 ވެކްސިން ދެވިފައި އޮތުމަށް. އުއްމީދުގެ ރަމްޒެއްގެ ގޮތުގަ. އެއީ، ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ސިއްހީ ގޮންޖެހުންތަކުގެ މައި މުލުގައިވާ ހަމަހަމަކަން ނެތުމުގެ މައްސަލައިން އަރައިގަތުމަށް" ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

އަދާ ޖެހުނުއިރު 180 ގައުމަކުން ވަނީ ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައެވެ. މީގެ ތެރެއިން ދަށް އަދި މެދު ފަންތީގައި ހިމެނޭ 92 ގައުމަކަށް ވެކްސިން ލިބޭނީ ޑޯނަރުންގެ ސްޕޮންސާ އެހީގެ ގޮތުގައެވެ. ޑރ ޓެޑްރޯޒް ވިދާޅުވީ، ވެކްސިން އުފައްދާ 5 ފަރާތަކުން ބިލިއަން ޑޯޒްގެ ވެކްސިން ކަށަވަރުކޮށްފައި ވާ ކަމަށެވެ. އަދި އިތުރު 1 ބިލިއަން ޑޯޒްއަށް ފުރުސަތު އެބައޮތް ކަމަށާ، ފެބުރުއަރީ މަހު ވެކްސިން ފޯރުކޮށްދިނުމަށް އަމާޒު ކަނޑައަޅާފައި ވާކަމަށް ޑރ ޓެޑްރޯޒް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ޑޯޒް އެކުލެވޭ ފޮށިތަކެއް އިންޑޮނޭޝިއާއަށް ބާލަނީ / ފޮޓޯ: އަނަދޯލޫ އޭޖެންސީ

ކަން މިހެން އޮތް އިރު، ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ ޗައިނާއާއި ޑަބްލިއުއެޗްއޯއަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ފާޑުކިއުންތަކެއް އަދިވެސް ދަނީ އަމާޒު ވަމުންނެވެ. މި ބަލިމަޑުކަމަށް އެ ފަރާތްތަކުން ދިން ދޯދިޔާ އިޖާބައިގެ ސަބަބުންނެވެ.

ކޮވިޑް-19އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ކާރިސާއެއް ކަން ކަނޑައެޅުން ލަސްވި ކަމަށާ، ސިއްހީ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޗައިނާއިންވެސް އެޅިލެއް ލަސް ކަމަށް ޑަބްލިއުއެޗްއޯއިން އެކުލަވާލި މިނިވަން ތަޖުރިބާކާރުންގެ ޕެނަލަކުން ވަނީ ބުނެފައެވެ.

ތަޖުރިބާކާރުންގެ ޕެނަލްގައި އިސްކޮށް ހުންނަވަނީ ނިއުޒީލަންޑްގެ ކުރީގެ ބޮޑުވަޒިރު ހެލެން ކްލާކްއާއި ލައިބީރިއާގެ ކުރީގެ ރައީސް އެލެން ޖޯންސަން ސާލީފްއެވެ.