ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާ އައްޑޫގައި ރެންޑަމް ސާމްޕަލް ނަގަން ފަށާނެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.
އެޗްއީއޯސީން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑުގައި ރެންޑަމް ސާމްޕަލް ނަގަން ހަމަޖެހިފައި ވާއިރު، އާންމު ހިދުމަތް ދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް ސަމާލުކަން ދޭނެ ކަމަށެވެ. އެގޮތުން ފެރީތަކުގައި މަސައްކަތް ކުރާ މީހުންނާއި ފިހާރަތަކުގައި މަސައްކަތް ކުރާ މީހުންގެ ސާމްޕަލްތައް ރެންޑަމްކޮށް ނެގުމަށް ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ.
އައްޑޫގައި ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައި ވާއިރު، އެޗްއީއޯސީން ދަނީ ރާއްޖޭގެ އެހެނިހެން ރަށްތަކުގައްޔާއި ރިސޯޓްތަކުގައި ވެސް ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިފަދައިން ނަގާ ސާމްޕަލްތައް ޕޮޒިޓިވްވެ، ރަށްރަށުން ނުވަތަ ރިސޯޓްތަކުން ބޮޑެތި ކްލަސްޓާތައް ވެސް ވަނީ ދެނެގަނެވިފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ދާ ކަމަސް އެޗްއީއޯސީން ބުނެފައިވާއިރު، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޒްލާ ވިދާޅުވީ، މާލޭގައި ރެންޑަމް ކޮށް ނަގަމުން ދާ ސާމްޕަލް ތަކުން ކޭސްތައް އިތުރު ވަމުން ދާ ކަމަށެވެ. އަދި ކޭސްތަކުގެ އަދަދު ބައެއް ފަހަރު ގިނައިރު އަނެއްބައި ފަހަރު މަދު ކަމަށާއި، ޓްރެންޑަށް ބަލާއިރު، ކޭސްތަކުގެ އަދަދު މައްޗަށް ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މި ޖެނުއަރީ މަހު ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މި ވަނީ 756 އަށް އަރާފައެވެ. އަދި މި މަހުގެ 15 އިން ފެށިގެން އިއްޔެއާ ހަމައަށް މިވީ ތިން ދުވަހު ޖުމްލަ 188 ޕޮޒިޓިވް ކޭސް ފެނިފައިވާ އިރު މި ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ. އެއީ 87 ކޭސްއެވެ.