އުރީދޫ މޯލްޑިވްސް އިން ކެރެޑިޓް/ޑެބިޓް ކާޑާ ނުލާ އައިޓިއުންސް، ނެޓްފްލިކްސް، އެމޭޒަން، ޕްލޭސްޓޭޝަން، އެކްސްބޮކްސް ފަދަ އޮންލައިން ގޭމިންގް އަދި އީކޮމާސް ޕެލެޓްފޯމްތަކުގެ ގިފްޓް ކާޑް ފޯރުކޮށްދޭ ކާޓީ ސްޓޯ ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ކާޓީ ސްޓޯރަކީ ގޭމިން ކޯޑް އަދި އީ-ގިފްޓް ކާޑް ގަނެވޭ އިންޓަނޭޝަނަލް އޮންލައިން ޕްލެޓްފޯމެކެވެ. ކާޓީ ސްޓޯ މެދުވެރިކޮށް ގޭމިން، މިއުޒިކް، އައިޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވޯލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާސް އަދި ގޭމިން ޕްލެޓްފޯރމް ތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑް ފަސޭހަކަމާއެކު ގަނެވޭނެއެވެ.

އުރީދޫ އާއި ކާޓީގެ މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާޓީ ސްޓޯރުން ތަކެތި ގަތުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލުގައި ހިމަނާގޮތަށް ހިދުމަތް ހޯދޭއިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދު، ކާޓީ ސްޓޯރުން ތަކެތި ގަތުމަށް ބޭނުން ކުރެވޭނެއެވެ.

މުޅި ރާއްޖޭގައި ވެސް ފެންނަމުން މިދަނީ އޮންލައިންކޮށް ވިޔަފާރި ކުރުމާއި އޮންލައިން ގޭމިން އަދި އޮންލައިން ސްޓްރީމިން ވަރަށް ބާރަށް ފެތުރެމުން ދާތަން. މިފަދަ ހިދުމަތްތައް ހޯދުމަށް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުން ކުރަން ޖެހުމަކީ ބައެއް ފަރާތްތަކަށް އުނދަގޫ ކަމެއް. މިއަދު އުރީދޫ އާއި ކާޓީ ސްޓޯ ގުޅިގެން މި ހުޅުވާލި ޕްލެޓްފޯމަކީ މިހުރިހާ ހިދުމަތްތަކެއް ހޯދުމަށް ލުއިފަސޭހަ ވެގެންދާނެ ޕްލެޓްފޯމެއް.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ޙާން

ކާޓީ ސްޓޯ އަށް ސައިންއަޕް ކުރުމަށް، އެންމެ ފުރަތަމަ ކާޓީ ސްޓޯރުގެ ވެބްސައިޓުން ރަޖިސްޓާ ކުރުމަށް ކަނޑައާޅާފައިވާ ސައިންއަޕް ލިންކުން ރަޖިސްޓާ ކުރާނީއެވެ. ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން އެކްޓިވޭޓް ކުރުމަށް ލިބޭ އީމެއިލްގައިވާ ލިންކު މެދުވެރިކޮށް އެކައުންޓް އެކްޓިވޭޓް ކޮށް ކާޓީ ޕްލެޓްފޯމަށް ލޮގިން ވާނީއެވެ. އަދި އެ ޕްލެޓްފޯމުގައިވާ "ބައި އަ ކާޑް" ލިންކު މެދުވެރުކޮށް ކާޓީ ކާޑު ގަންނާނީއެވެ.

ކާޓީ ކާޑް ގަތުމަށްޓަކައި، "ބައި އަ ކާޑް" ލިންކުން، ބޭނުންވާ ބްރޭންޑާއި އަދަދު އިހްތިޔާރުކޮށް، މޯބައިލް ނަމްބަރު ޖެހުމަށްފަހު ޕާޗޭސް ކުރާނީއެވެ. ޕާޗޭސް ފުރިހަމަ ކުރެވުނުކަން ޔަގީން ކުރުމަށްޓަކައި، މޯބައިލް ފޯނަށް އަންނަ ޕިން ނަމްބަރު ޖެހުމަށްފަހު ކޮންފާމް ކޮށްލުމުން ގަނެވުނު ކާޑު މައި ކާޑްސް އިން ފެންނާނެއެވެ.