ރާއްޖޭގައި 500 ރުފިޔާގެ ވަގުނޫޓު ދައުރުވަމުން ނުދާކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭއިން މިހެން ބުނެފައިވަނީ 500 ރުފިޔާގެ ވަގު ނޫޓެއް ދައުރުވަމުންދާ ކަމަށް ބުނާ ފޮޓޯ އެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު އެމްއެމްއޭ އިން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ނޫޓު އެއިދާރާއަށް ގެންގޮސް ބެލި ބެލުމުން އެއީ ސައްހަ ނޫޓެއް ކަން ދެނެގަނެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ވެސް ގޮތަކުން އެ ނޫޓްގައި ކުލައެއް ޖެހިފައި ހުރިކަން އެމްއެމްއޭ އިން ވަނީ ބުނެފައެވެ. އަދި އެ ކުލަ ފިލުވުމަށް ކެމިކަލްއެއްގެ ބޭނުން ކުރުމުން ނޫޓުގެ ކުލަ ފަނޑުވެފައިވާކަން އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ.

މިގޮތަށް ނަގުދު ފައިސާގެ ނޫޓަކާ މެދު ޝައްކެއް އުފެދިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެ އިދާރާ އަށް އެންގުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، ޖެނުއަރީ 26، 2016 ގައި ބޭނުން ކުރަން ފެށި އާ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓު ސީރީސް ނެރުމަށް ފަހު، ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލައިފައެވެ.