ގއ. ދެއްވަދޫ އިން ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން އުފެދިފައިވާ ކްލަސްޓާގެ ތެރެއިން ހުޅުމާލެ އިން 17 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގއ. ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، އެރަށުން ދެއްވަދޫ ކޭސްތަކާ ގުޅިގެން ޕޮޒިޓިވްވި އުމުރުން 20 އަހަރުގެ އަންހެން މީހާގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ހިމެނޭ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ހުޅުމާލެއިން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާއަކީ ދާންދޫގައި ހުރުމަށް ފަހު މި މަހުގެ 10 ވަނަ ދުވަހު މާލެއަށް ދިޔަ ކުއްޖެއް ކަމަށާއި ދާންދޫ ޕޮޒިޓިވް ކޭސްގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ބަލައި ޓެސްޓު ކުރެވުނު ކުއްޖެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ދާންދޫން 20 އަހަރުގެ އަންހެނަކު ޕޮޒިޓިވްވި ދުވަހު ވަނީ 9 އަހަރުގެ ސްކޫލް ދަރިވަރެއް ވެސް ޕޮޒިޓިވްވެފައެވެ. އެ ކޭސްތަކާ ގުޅިގެން އިތުރު 3 ކޭސް އިއްޔެ ވަނީ ފެނިފައެވެ. އެއީ އުމުރުން 11 އަހަރުގެ ކުއްޖަކާއި 41 އަހަރުގެ އަންހެންކާއި 66 އަހަރުގެ އަންހެނެކެވެ. އެއަށްފަހު ރޭގެ ވަގުތެއްގައި އުމުރުން 9 އަހަރުގެ އިތުރު ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެ ރަށުގައި ތިބި ޕޮޒިޓިވް ކޭސްގެ އަދަދު ވަނީ 6 އަށް އަރާފައެވެ.

ފަހުން ފެނުނު ހަތަރު ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށާއި އަދި ކޮންޓެކްޓުންގެ ގޮތުގައި މިހާރު 51 މީހެއް ދެނެގަނެވިފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓާ: 70 އަށް

  • ގއ. ދެއްވަދޫ: 55 މީހުން ޕޮޒިޓިވް
  • ކ. ހުޅުމާލެ: 3 މީހުން ޕޮޒިޓިވް
  • ގއ. ދާންދޫ: 6 މީހުން ޕޮޒިޓިވް
  • ލ. ފޮނަދޫ: 4 މީހުން ޕޮޒިޓިވް
  • ގއ. ވިލިނގިލި: 2 މީހުން ޕޮޒިޓިވް

6 މީހުން ދާންދޫން ޕޮޒިޓިވްވެފައިވާ އިރު ހުޅުމާލެއިން ފެނުނު ކޭސްއަކީ އެރަށުން ޕޮޒިޓިވްވި މިހެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. އަދި ދެއްވަދޫ ކްލަސްޓާއާ ގުލީގެން މިހާތަނަށް ހުޅުމާލެއިން ފެނުނު ކޭސްތަކުގެ އަދަދު މި ވަނީ 3 އަށް އަރާފައެވެ. މީގެ ކުރިންވެސް ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ހުޅުމާލެއިން ވަނީ އިތުރު 2 ކޭސް ފެނިފައެވެ.

ދާންދޫއިން ޕޮޒިޓިވްވި މީޙުންގެ ތެރެއިން އުމުރުން 20 އަހަރުގެ އަންހެން މީހާއާއި އުމުރުން 66 އަހަރުގެ އަންހެން މީހާ މިހާރު ވަނީ ގއ. ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައެވެ. އެ ދެމީހުންނަށް އެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ އިރު މިހާރު ވެސް އެ ފެސިލިޓީގައި އިތުރު 6 މީހަކަށް ދަނީ ފަރުވާ ދެމުން ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.