މާފުށި ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ، ހިނގި ހާދިސާގައި، އެ ސަފާރީގެ ވެރިމީހާ ފިހިގެން، އޭނާއަށް ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އެ އަލިފާނުގެ ހާދިސާގައި ފިހިފައި ވަނީ ސަފާރީގެ ވެރި މީހާ އެކަނި ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދިނުމަށް، މާފުށީ ލޯންޗެއްގައި އެ ރަށަށް ގެންގޮސްފައި ވާ ކަމަށް އެމްއެމްޑީއެފުން ބުނެއެވެ. އޭނާއަކީ ބިދޭސީ ފިރިހެނެކެވެ.

މިއަދު މެންދުރު 1:24 ހާއިރު، މާފުށީ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވުމުގެ ސަބަބުން އެމްއެންޑީއެފްގެ ފަޔާ ލޯންޗުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. ސަފާރީގެ އިންޖީނު ރޫމްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ އެމްއެންޑީއެފްގެ ފަޔާ ލޯންޗުން ގޮސް މެންދުރު 2:17 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފަނުގެ ހާދިސާ ހިނގި އޯޝަން ޑިވައިން މޯލްޑިވްސް ސަފާރީ / ފޮޓޯ: އެމްއެންޑީއެފް

"އޯޝަން ޑިވައިން މޯލްޑިވްސް" ނަމަކަށް ކިޔާ މި ސަފާރީގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު ތިބީ ޖުމްލަ 18 މީހެކެވެ. އެއީ 13 ފަތުރުވެރިންނާއި 5 ފަޅުވެރިންނެވެ. ސަފާރީގައި ރޯވެ އަނދަން ފެށުމާއެކު، އެހެން ލޯންޗަކުން ވަނީ ސަފާރީގައި ތިބި މީހުން ނަގާފައެވެ.