މިދިޔަ 2020 ވަނަ އަހަރު 2053 ވިޔަފާރިވެރިއަކަށް ލޯނު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީން) އިން ހާމަކޮށްފިއެވެ.

އެސްޑީއެފްސީން ބުނީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމުގެ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރު ސަރުކާރުގެ އިގްތިސޯދީ ރިކަވަރީ ޕެކޭޖުގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީގެ ނަމުގައި މިނިސްޓްރީ އޮފް ފައިނޭންސް އާއި ގުޅިގެން އެސްޑީއެފްސީއިން އަމިއްލަ ވިޔަފާރިކުރާ 639 ފަރާތަކަށް އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ 1414 ފަރާތަކަށް ލޯނުދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އޭގެ ތެރެއިން 2205 ފަރާތަކަށް، 381 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން މައުލޫމާތު ދެއެވެ.

އެސްޑީއެފްސީއިން 2205 ފަރާތަކަށް، 381 މިލިއަން ރުފިޔާ ދޫކޮށްފައިވޭ / ފޮޓޯ: އެސްޑީއެފްސީ

ކޮވިޑާއި އާ ގުޅިގެން އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތު ފަހިކޮށްދިނުމަށް "ކޮވިޑް 19 ވިޔަފާރި އެހީ" ގެ ނަމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޑީއެފްސީ އިން ތައާރަފުކުރި ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 500،000 ރުފިޔާއެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފައިވާ މި ރާއްޖޭގައި އެހެނިހެން ސިނާއަތްތަކުން މަންފާ ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އެއްބާރުލުން ދީގެން އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.