ސްކޫލުތަކުން ކޮވިޑު-19ގެ ކޭސްތައް އިތުރު ވީނަމަވެސް، ދަރިވަރުންގެ ކިޔެވުމަކަށް ބުރުލެއް ނާރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޒްދާ މުހައްމަދު ވިދާޅުވީ ސްކޫލުތަކުގެ ޓީޗަރުން ޕޮޒިޓިވްވެ، ނޫނީ ކަރަންޓީނުގައި ތިބި ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ސްކޫލްތައް ހުޅުވައިގެން ކިޔަވައި ދެމުން ދާއިރު، ސްކޫލް ތެރެއިން ވެސް ދަނީ ކޮވިޑް ޕޮޒިޓިވް ކޭސްތައް ފެންނަމުންނެވެ. އެކަމާ ގުޅިގެން އެޗްއޯސީން ވަނީ ސްކޫލުތަކަކީ އެންމެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ތަންތަން ކަމުގައި ބުނެފައެވެ.

ރާއްޖޭގެ ސްކޫލުތަކުގައި 2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވަނީ މިމަހު 10 ގައެވެ.

ސްކޫލުތަކުން ވެސް މިހާރު ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު ބިލަބޮންގް ހައި ޑެސްޓިނީ ކެމްޕަސްގައި ކިޔަވަމުންދާ އެއް އާއިލާއެއްގެ 4 ދަރިވަރަކު ވަނީ ކޮވީޑަށް ޕޮޒިޓިވް ވެފައެވެ.

އޭގެ އިތުރުން ވިލިމާލެ މުހްޔިއްދީން ސްކޫލުގެ މުވައްޒަފަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އަމީނިއްޔާ ސްކޫލުގައި ކިޔަަވައިދޭ ޓީޗަރެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލު އަދިި ޖަމާލުއްދީން ސްކޫލުން ވެސް ކޮވިޑް ކޭސްތަކެއް ފެނިފައިވާ ކަން އިއްޔެ ވަނީ ހާމަވެފައެވެ.

ހަމައެހެންމެ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.