ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތް ކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަން ތަކެއްގައި މަސްތުވާ ތަކެއްޗާ އެކު ހަތް މީހަކު ހައްޔަރު ކޮށްފިއެވެ.

އެ އޮޕަރޭޝަންތައް ހިންގާފައި ވަނީ ނ. މިލަދޫ އާއި ހދ. ކުޅުދުއްފުށި އަދި ލ. ގަމުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެއަތޮޅު ހިރިމަރަދޫ އަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެެއް ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައި ވާއިރު، ކުޅުދުއްފުށީ ބަނދަރުމަތިން އެމީހާ ހުއްޓުވާ ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 10 ސެލޯފިން ކޮޅު ފެނިފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.

ލ. ގަމުގައި ހިންގި އޮޕަރޭޝަަނަކީ މާމެންދޫއިން ގަމަށް ޑިންގީއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެެއް ކަމަށް ފުލުހުން ބުނެއެވެ.

މި މަަހުގެ 14 ވަނަ ދުވަހު ގަމުގައި މަސައްކަތް ކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 40 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއް އަދި 20 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ ގަމު މަތިމަރަދޫ އަވަށުން މި ހަތަރު މީހުން ހައްޔަރުކޮށް ބަލާ ފާސްކުރި އިރު، މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވާ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 31 އަހަރުގެ މީހާ ވަނީ ދޫކޮށްލާފައި ކަމަށާއި އަދި 20 އަހަރުގެ މީހާއަށް 15 ދުވަސް، 40 އަހަރުގެ މީހާއަށް 10 ދުވަސް އަދި 26 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ނ. މިލަދޫން މަސްތުވާ ތަކެއްޗާ އެކު 34 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައި ވާ އިރު އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ރަށުތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރި ވަމުން ދިޔަ ފުލުހުންނަށް އެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވާ ބަލާ ފާސްކުރި އިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމީހާ އަތުން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 11 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.