ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓުކުރަން ޖެހޭ އަދަދަށް ބަދަލު ގެނެސްފިއެވެ.

ކަސްޓަމްސް އިން ބުނީ މި ބަދަލަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ)ގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.

އެގޮތުން މިގަވައިދުގެ ދަށުން ދިވެހިރާއްޖެ އަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ، ކަސްޓަމްސް އަށް ރިޕޯޓް ކުރަން ޖެހޭ އަދަދަކީ، 10،000 އެމެރިކާ ޑޮލަރު ނުވަތަ މިއަށް ވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ މި އަދަދަށް ވާ ނުވަތަ މި އަދަދަށް ވުރެ މަތީ އަދަދަކަށް ވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ކަމަށެވެ.

އެގޮތުން މި ގަވާއިދަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މީގެ ކުރިން ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭ އަދަދަކީ، 30،000 އެމެރިކާ ޑޮލަރު ނުވަތަ މިއަށް ވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ މި އަދަދަށް ވާ ނުވަތަ މި އަދަދަށް ވުރެ މަތީ އަދަދަކަށް ވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ކަމަށް ވަނީ ކަނޑައަޅާފައެވެ.