ގއ. ދެއްވަދޫގައި އުފެދިގެން އުޅޭ ކޮވިޑް-19 ކްލަސްޓާއިން ކޮންޓްކްޓްވި އިތުރު 12 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެ 12 މީހުންގެ ތެރޭގައި ހިމެނެނީ ދެއްވަދޫއިން ޕޮޒިޓިވްވި 11 މީހަކާއި ވިލިނގިލިން ޕޮޒިޓިވްވި އެކެކެވެ. ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން އިތުރު 11 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެއީ ހައްތަހާވެސް އެރަށުގައި އުޅޭ ކްލަސްޓާގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ.
އަދި އެރަށުން ޖުމްލަ 2 މީހަކު ވިލިނގިލީގައި ހުންނަ އެ ރީޖަންގެ ކޮވިޑް ފެސިލިޓީއަށް ފޮނުވާލާފައި ވާއިރު، އެ ދެމީހުން ވެސް އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށް ވެސް ތައުފީގް މައުލޫމާތު ދެއްވައެވެ. އޭނާ ވިދާޅުވީ މިހާރު އެރަށުން ޕޮޒިޓިވް މީހުންގެ ޖުމްލަ އަދަދަކީ 55 ކަމަށެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތައް ފެނި އެ އަތޮޅު ވިލިނގިލި އަދި ދާންދޫ ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. ދާންދޫން 2 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް މީގެ ކުރިން މައުލޫމާތު ލިބިފައި ވާއިރު، ދާންދޫ ކައުންސިލްގެ 3 މެންބަރުން ވެސް ކަރަންޓީންގައި ތިއްބެވި ކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރެއިން އެއް ކައުންސިލަރު މާލޭގައި ހުންނެވިއިރު، ދެ ކައުންސިލަރުން ތިއްބެވީ ރަށުގައެވެ. ނަމަވެސް ރަށުގެ ހާލަތު ސާފު ކުރުމަށް އެ ދެ ކައުންސިލަރުންނާ ގުޅޭ ގޮތް ނުވެއެވެ.
ވިލިނގިލިން ކުރިން ޕޮޒިޓިވްވީ އެ ރަށުގައި ހުންނަ ގއ އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 12ގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރެކެވެ. އޭނާ އަކީ ޗުއްޓީ ހޭދަ ކުރަން ދެއްވަދޫއަށް ދިޔަ ކުއްޖެކެވެ. އަދި އޭނާ ޕޮޒިޓިވް ވެފައި ވަނީ ދެއްވަދޫން ފެނިފައިވާ ކޮވިޑް ކޭސްއާ ކޮންޓެކްޓް ވެގެންނެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިލިނގިލި ކައުންސިލްގެ މެންބަރު ހަބީބު ހަސަން ވިދާޅުވީ މިއަދު އިތުރު އެއް ކޭސް ފެނިފައި ވާ ކަމަށެވެ. އަދި އެއީ އެ ރަށުން ޕޮޒިޓިވްވި ދަރިވަރާ ކޮންޓެކްޓް ވި ކުއްޖެއް ކަމަށެވެ. އަލަށް ޕޮޒިޓިވްވީ ކުރިން ޕޮޒިޓިވްވި ދަރިވަރުގެ ގޭގައި އުޅޭ އަންހެން ކުއްޖެއް ކަމަށާއި، އެ ކުއްޖާއަކީ ވެސް ސްކޫލު ދަރިވަރެއް ކަމަށެވެ. އަދި މި ދެ ކުދިން ވެސް ދަނީ ކޮންޓެކްޓް ޓްރޭސިން އަށް ފުރިހަމަ އެއް ބާރުލުން ދެމުން ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެ ދެކުންދިންގެ ކޮންޓެކްޓުންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެވިފައިވީ ނަމަވެސް ޑައިރެކްޓް ކޮންޓެކްޓުން ވަރަށް މަދު ކަމަށެވެ. ހަމައެއާއެކު އެރަށުން ނަގާފައިވާ ރެންޑަމް ހުރިހާ ސާމްޕަލެއްގެ ވެސް ނަތީޖާ ނެގެޓިވް ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، މިއަދު އިތުރު ސާމްޕަލްތަކެއްގެ ނަތީޖާ ލިބެން އެބަ ހުރި ކަމަށާއި، އެ ނަތީޖާތައް ލިބުމުން ރަށުގެ މޮނިޓަރިންގެ ހާލަތާމެދު ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށެވެ.