ޅެންވެރިކަމުގެ ފަންނަކީ އިންސާނާގެ އެންމެ ފުން އިހުސާސްތަކާ ގުޅިފައިވާ ފަންނެއް ކަމަށާއި އެ ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލު ކޮށްދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 32 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތާ ގުލީގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވަނީ މި ދުވަހާ ގުޅިގެން ޅެންވެރިންގެ ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ދިވެހި ޅެންވެރިންނަށް އަރިސްކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ޅެންވެރިކަމަކީ އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދޭ ފަންނެއް ކަމަށާއި އަދި އެއީ އިންސާނާގެ އެންމެ ފުން އިޙްސާސްތަކާ ގުޅިފައިވާ ފަންނެއް ކަމަށެވެ. އެހެންކަމުން އެ ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދޭން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ޖެނުއަރީ 15 ވަނަ ދުވަހަކީ ރާއްޖޭގައި ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ. މި އަހަރަކީ މިފަދައިން ޅެންވެރިންގެ ދުވަސް ފާހަގަ ކުރާ 32 ވަނަ އަހަރެވެ. ޅެންވެރިންގެ ދުވަސް ކޮންމެ ޖެނުއަރީ 15 އެއްގައި ފާހަގަ ކުރަނީ، ދިވެހި ޅެންވެރިކަމުގެ "ސާގިބް" އަދި "ޝާއިރުއްޝަބާބު" ގެ ނަމުގައި ވެސް ގިނަ އަދި މޮޅު ޅެންތަކެއް ހައްދަވާފައިވާ މަރްހޫމް އިބްރާހީމް ޝިހާބް އަވަހާރަވީ ދުވަހާ ގުޅުވައިގެންނެވެ.