މިމަހުގެ 9 ވަނަ ދުވަހު ގއ އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން ދަތުރުކޮށްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފަށް ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗުޕީއޭގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ، ގއ. ދާންދޫން މިއަދު ޕޮޒިޓިވްވި ދެ ކޭސްއާ ގުޅިގެން އެ އަތޮޅުގައި ފެރީގެ ހިދުމަތް ދެމުންދާ "ކޮއިމަލާ 4" ނަމަކަށް ކިޔާ ފެރީން މި މަހުގެ 9 ވަނަ ދުވަހު ދަތުރު ކުރި ގިނަ ފަރާތްތަކެއް ވަނީ ކަރަންޓީނަށް ގެންގޮސްފައި ކަަމަށެވެ.

މިހެން މިކަން ދިމާވީ އެޗްޕީއޭއިން ދަތުރުފަތުރު ކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ އެކަށޭނެ ގޮތަށް އަޅާފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެއްވަދޫ ކޭސްއާ ގުޅިގެން މިހާރު ފަސް ރަށެއް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ. އެއީ ގއ. ދެއްވާދޫގެ އިތުރުން ވިލިނގިލި އާއި ދާންދޫ އަދި ލ. ފޮނަދޫ އާއި ގަމެވެ.

މި ރަށްރަށުގައި މިހާރު ރެންޑަމް ސާމްޕަލް ނަގަމުންދާ ކަމަށާއި މިހާތަނަށް އައި އިރު މި ކްލަސްޓާ އާ ގުޅީގެން 750 ސާމްޕަލްއެއް ނެގިފައިވާ ކަމަށް އެޗްއީ އޯސީން ބުނެއެވެ. އަދި މި ކްލަސްޓާއިން މިހާތަނަށް އައި ޖުމްލަ 52 ކޭސް ފެނިފައިވާ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ. އެއީ ދެއްވަދޫން 43 ކޭސްއާއި ފޮނަދޫން އިން 4 ކޭސްއަކާއި ދާންދޫން 2 ކޭސްއަކާއި ހުޅުމާލެއިން 2 ކޭސް އަދި ވިލިނގިލިން އެއް ކޭސްއެެވެ.

މީހެ އިތުރުން ވެސް ފެރީގެ ހިދުމަތް ދިން ގއ އަތޮޅުގެ 4 ރަށަކުން މިހާރު ރެންޑަމް ސާމްޕަލް ނަގަން ފަށާފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. އެއީ ގއ. ދާންދޫގެ އިތުރުން ކަނޑުހުޅުދޫއާއި ގެނަމަފުއްތާއި މާންދޫ އަދި ކޮލަމާފުއްޓެވެ.