ގއ. ދެއްވަދޫ އާ ގުޅިގެން އުފެދިގެން އުޅޭ ކްލަސްޓާގައި މިހާރު 52 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 250 މީހުން ދެނެގަނެވިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 23 އިން ފެށިގެން މިހާތަނަށް ދެއްވަދޫ ކްލަސްޓާ އިން ކޮވިޑް ޖެހުނީ 52 މީހަކަށް ކަމަށެވެ. އެއީ ދެއްވަދޫން 43 މީހަކާއި ލ. ފޮނަދޫން ހަތަރު މީހުން، ގއ. ދާންދޫން ދެ މީހުން، ގއ. ވިލިނގިލިން އެކެކެވެ. އަދި އެ ކްލަސްޓާއާ ގުޅުން ހުރި ދެ މީހަކު ހުޅުމާލޭއިން ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކޭސްތަކާ ގުޅިގެން މިހާތަނަށް ހޯދިފައި ވަނީ 250 ކޮންޓެކްޓުން ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކު 101 މީހަކު ހިމެނޭ ކަމަށް އަރޫޝާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 750 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެއީ އެކި ރަށްރަށުން ނެގި ރެންޑަމް ސާމްޕަލްތައް ހިމަނައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގއ. ދެއްވަދޫ ކޭސްތަކާ ގުޅުން ހުރި ކޭސްތަކުގެ ތެރޭގައި ގއ. ވިލިނގިލިން ޕޮޒިޓިވް ވެފައި ވަނީ އެ ރަށު ގްރޭޑް 12 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެކެވެ. ދާންދޫން ޕޮޒިޓިވްވެފައި ވަނީ އުމުރުން 20 އަހަރުގެ އަންހެނަކާއި 9 އަހަރުގެ އަންހެން ކުއްޖެކެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ފަސް ރަށެއް ވަނީ މޮނިޓަރިންއަށް ލައިފައެވެ. އެއީ ގއ. ދެއްވަދޫ، ގއ. ވިލިނގިލި، ގއ. ދާންދޫ، ލ. ގަން އަދި ލ. ފޮނަދޫއެވެ.