ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ގއ. ދާންދޫ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވާ އިރު އެ ރަށު ކައުންސިލްގެ 3 މެންބަރުން ތިއްބެވީ ކަރަންޓީންގައި ކަން އެނގިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު މި ވަގުތު ކަރަންޓީންގައި ހުންނެވީ ދެއްވަދޫ ކޭސްއާ ގުޅުން ހުރި ކޭސް އެއް އެރަށުން ފެނުމާ ގުޅިގެން އެމީހުންގެ ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަ ކުރެވުމުންނެވެ. ހަމައެއާއެކު އެ ރަށުގެ ކައުންސިލްގެ ނައިބު ރައީސް ފާރިޝް މުހައްމަދު ވެސް މިވަގުތު ކަރަންޓީންގައި މަޑުކުރައްވަން ޖެހިވަޑައިގެންފައި ވަނީ ދެއްވަދޫ ކޭސް އާ ގުޅިގެން ގއ އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން މި މަހު 9 ވަނަ ދުވަހު ގއ. ކަނޑުހުޅުދޫއަށް ދަތުރު ކޮށްފައި ވާތީ ކަަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އެ ރަށު ކައުންސިލް މެންބަރު ޝަމްހީދު އިބްރާހިމް ކަރަންޓީންގައި ހުންނެވީ މާލޭގައި ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ކަރަންޓީންގައި މަޑު ކުރައްވަން ޖެހިވަޑައިގަތީ މާލެއިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ދިޔަ ކައިވެނި ކަލްސްޓާ އާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ކައުންސިލްގެ ތިން މެންބަރުންވެސް މިވަގުތު ކަރަންޓީންގައި ތިއްބަވަން ޖެހިވަޑައިގަތް ނަމަވެސް މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. ގޭގައި ކަރަންޓީންގައި މަޑު ކުރައްވަން ޖެހިވަޑައިގަތުމުން ދަތިތަކެއް ހުރި ނަމަވެސް ފޯނުންނާއި އޮންލައިންކޮށް މަސައްކަތްތައް ކުރިއަށް ގެންދާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެރަށުން 2 މީހަކު ޕޮޒިޓިވް ވެފައި ވާ އިރު ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށް އިސްމާއިލް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ގއ. ވިލިނގިލިން ޕޮޒިޓިވްވި ގްރޭޑް 12 ގައި ކިޔަވާ ދަރިވަރާ ގުޅުން ހުރި 10 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ހޯދިފައިވާ ކަމަށާއި "ކޮއިމަލާ 4" އިން މި މަހު 9 ވަނަ ދުވަހު އެ ރަށުން ދަތުރު ކުރި 15 މީހެއްގެ އިތުރުން އެ ރަށުން ޕޮޒިޓިވް ވި ދެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 7 މީހަކު ދެނެގަނެވިފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ދާންދޫ ކޭސް އާއި ގއ. ވިލިނގިލިން ޕޮޒިޓިވް ކޭސްއާއި ގއ. ދެއްވަދޫ ކޭސްތަކާ ގުޅިފައި ވާއިރު މިހާތަނަށް ދެއްވަދޫން 39 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ވިލިނގިލިން ވަނީ އެއް ކުއްޖަކު ޕޮޒިޓިވް ވެފައެވެ.

މި ތިން ރަށް ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ. އެ ތިން ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.