ގއ. ދާންދޫން އިން 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މިހާތަނަށް ކޮންޓެކްޓުންގެ ގޮތުގައި 32 މީހުން ދެނެގަނެވިއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، އެ ރަށުން ދެ މީހަކު ޕޮޒިޓިވް ވެފައިވާ އިރު އޭގެތެރޭގައި ހިމެނެނީ އުމުރުން 20 އަހަރުގެ އަންހެނަކާއި 9 އަަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ. އޭގެތެރެއިން 9 އަހަރުގެ އަންހެން ކުއްޖާ މިދިޔަ ހޯމަ ދުވަހު ސްކޫލަށްވެސް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކޭސްތަކަކީ ގއ. ދެއްވަދޫން އިން ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްތަކެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ދެއްވަދޫން 10 މެންބަރުންގެ އާއިލާއެއް އެރަށަށް ގޮސް ތިބީ ދާންދޫން ޕޮޒިޓިވްވި މީހުން ތިބި ގޭގައި ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި އެމީހުން އެނބުރި ދެއްވަދޫ އަށް ގޮސްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު ކަމަށާއި ދާންދޫއަށް ދިޔަ 10 މެންބަރުންގެ އާއިލާ އިން އެކަކު ދެއްވަދޫ ކްލްސްޓާ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިލިނގިލިން ފެނުނު ގްރޭޑް 12ގައި ކިޔަވާ ދަރިވަރާ ވެސް އެ ރަށުން ފެނުނު ކޭސްތަކާ ގުޅުން އޮތް ކަަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ރަށުން ޕޮޒިޓިވްވި 20 އަހަރުގެ އަންހެން މީހާ ވަނީ މި މަހުގެ 9 ވަނަ ދުވަހު އެ އަތޮޅު ފެރީގައި ދަތުރުކޮށް ގއ. ވިލިނގިއްޔަށް ދަތުރުކޮށްފައި ކަމަށް ކައުންސިލަރު ވިދާޅުވިއެވެ. މިހާރު މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އެގޮތުން ގއ. ވިލިނގިލި ކޭސްއާ ގުޅިގެން 10 މީހަކު އެ ރަށުން ދެނެގަނެވިފައި ވާ ކަަމަށާއި އެރަށުން ޕޮޒިޓިވްވި ކުދިންގެ ކޮންޓެކްޓުންގެ ގޮތުގައި 7 މީހަކު ދެނެގަނެވިފައި ވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިހުގެ 9 ވަނަ ދުވަހު ގއ އަތޮޅުގައި ދަތުރުކުރާ އަތޮޅުފެރީ "ކޮއިމަލާ 4" އިން ދާންދޫގައި ދިރިއުޅޭ 15 މީހުން ދަތުރުކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
މި މަހުގެ 10 ވަނަ ސްކޫލްތައް ހުޅުވުނު އިރު ދެއްވަދޫން ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭއިން އަންގާފައި ވަނީ ދެއްވަދޫން އެހެން ރަށަކަށް ދިޔަ މީހުންގެ ތެރެއިން އެއްވެސް ދަރިވަރެއް، ޓީޗަރެއް އަދި ބެލެނިވެރިއެއް ވިޔަސް ސްކޫލްތަކަށް ނުދިއުމަށެވެ. ނަމަވެސް ދެއްވަދޫން ބަޔަކު ރަށަކަށް ދިޔަކަން އެނގިފައި އޮވެ އެފަދަ ރަށަކުން އެމީހުންނާ ކޮންޓެކްޓްވެފައި ތިބި ބަޔަކު ސްކޫލަށް ނުދިއުމަށް އެޗްޕީއޭއިން އަންގާފައެއް ނުވެއެވެ.
އެހެންކަމުން ދާންދޫން ޕޮޒިޓިވްވި ކުއްޖާ ހޯމަ ދުވަހު ސްކޫލަށް ގޮސްފައިވާ ކަމަށް ކައުންސިލަރު ބުނެއެވެ. މި ކޭސް ފެނުމުން މިހާރު އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ.
ދާންދޫ އިން ފެނުނު ކޭސް އާ ގުޅިގެން ކައުންސިލްގެ 3 މެންބަރުން ތިއްބެވީ ކަރަންޓީންގައެވެ.