ގއ. ވިލިނގިލިން ކޮވިޑް ޕޮސިޓިވް ކޭސްއެއް ފެނިގެން އެރަށް މޮނިޓަރިންއަށް ލާފައިވާ އިރު، އެ ރަށުން ޕޮޒިޓިވްވި ދަރިވަރުގެ ކޮންޓެކްޓުންގެ ގޮތުގައި 16 ފަރާތެއް މިހާރު ދެނެގަނެވިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގއ. ވިލިނގިލި ކައުސިލް މެންބަރު މުހައްމަދު އިގްބާލް ފިކުރީ ވިދާޅުވީ، އެ ރަށުން ފެނިފައިވާ ޕޮޒިޓިވް ކޭސްއަކީ އެރަށު ސްކޫލް ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށެވެ. އަދި އޭނާ އަކީ ޗުއްޓީ ހޭދަ ކުރަން ދެއްވަދޫއަށް ދިޔަ ކުއްޖެއް ކަމަށާއި ދެއްވަދޫން ފެނިފައިވާ ކޮވިޑް ކޭސްއާ ކޮންޓެކްޓްވެފައިވާ ކުއްޖެއް ކަމަށް އިގްބާލް ވިދާޅުވިއެވެ.
ވިލިނގިލިން ފެނުނު ކޭސް އާ ގުޅުން ހުރި އިތުރު ކޭސްތައް ދެނެގަންނަން މަސައްކަތް ކުރަމުންދާ ކަމަށާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާ ކަަމަށް އޭނާ ވިދާޅުވިއެވެ. މިހާތަނަށް ވިލިނގިލިން ޕޮޒިޓިވް ވި ދަރިވަރާއި ގުޅުން ހުރި 16 މީހަކު ދެނެގަނެވިފައިވާ ކަމަށް އިގްބާލް ވިދާޅުވިއެވެ. އަދި އެ 16 ފަރާތަކީ ދަރިވަރުން ކަން ސާފުވާ ގޮތެއް ނުވެއެވެ.
މިއަހަރުގެ ކިޔެވުން މިދިޔަ އާދިއްތަ ދުވަހު ފަށާފައިވާއިރު އެ ދަރިވަރު ސްކޫލަށް ހާޒިރުވި ކަމަށާއި އަދި ސްކޫލަށް ދިޔަ ފަހުން އެކަން އެނގިގެން އޭނާ ޓެސްޓު ކޮށްފައިވާ ކަަމަށް އިގްބާލް ވިދާޅުވިއެވެ.
ދެއްވަދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ އެކު މިދިޔަ އާދިއްތަ ދުވަހު ސްކޫލްތައް ހުޅުވުމާއި ގާތްވެފައި ވަނިކޮށް އެޗްޕީއޭއިން ވަނީ ދެއްވަދޫން ރަށްރަށް ދިޔަ ދަރިވަރުން، ޓީޗަރުން އަދި ބެލެނިވެރިން ސްކޫލަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ. ހަމައެފަދައިން އެރަށުން ވެސް ވަނީ ދެއްވަދޫއިން އެރަށަށް އައިސްފައިވާ ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިން ސްކޫލަށް ނުދިއުމަށް އިލްތިމާސްކޮށްފައި ކަމަށް އިގްބާލް ވިދާޅުވިއެވެ.
މިއަދުވެސް އެ ރަށުގެ ސްކޫލް ހުޅުވާފައިވާ ކަމަށާއި ދަރިވަރުން ސްކޫލަށް ދިޔަ ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް އެ ދަރިވަރު ޕޮޒިޓިވް މައުލޫމާތު ލިބުމާ އެކު މިއަދު ހެނދުނު 11:00 ހާއިރު ސްކޫލް ބަންދުކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
ވިލިންގިލިން ފެނުނު ކޭސް އަކީ ދެއްވަދޫއާ ގުޅުން ހުރި ކޭސްއެއް ކަމަށް ބުނާ އިރު، ދެއްވަދޫން އިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި 39 މީހަކު ވަނީ ފެނިފައެވެ. އޭގެތެރޭގައި 4 ކުޑަކުދިންނާއި 65 އަހަރުން މަތީ 4 މީހަކު ހިމެނެއެވެ. އަދި އުމުރުން ދޮށީ މީހުންގެ ތެރެއިން އެކަކަށް ދަނީ ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.
ދެއްވަދޫ ކޭސްއާ ގުޅިގެން ގއ. ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ލާފައިވާ އިރު އެ އަތޮޅު ދާންދޫ ވެސް މިހާރު މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ.