ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމަށް މުހައްމަދު ހުސައިން މަނިކު އައްޔަން ކޮށްފިއެވެ.

މާލީ ސެކިޔުރިޓީސް އާ ބެހޭ ގާނޫނުގެ ދަށުން، ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑު އައްޔަނު ކުރައްވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ސީއެމްޑީއޭއިން ބުނީ ރާއްޖޭގެ މާލީ ސެކިއުރިޓީސް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އެ އޮތޯރިޓީގެ ސީއޯއޯގެ މަގާމަށް އިއްޔެ އިން ފެށިގެން މުހައްމަދު ހުސައިން މަނިކު އައްޔަން ކޮށްފައިވާ ކަމަށެވެ.

މުހައްމަދު ހުސައިން މަނިކު މީގެ ކުރިން ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ. އޭގެ އިތުރުން އޭނާ އަކީ ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ ވެސް މެއެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ނާދިޔާ ހަސަންއެވެ. ނާދިއާ އިސްތިއުވާ ދެއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.

މި ހަފްތާގައި ސީއެމްޑީއޭއަށް އާ ޗެއާޕަސަނެއް ވެސް ވަނީ އައްޔަނު ކޮށްފައެވެ. އެގޮތުން އެމަގާމަށް އައްޔަނުކޮށްފައިވަނީ އައިޝަތު ޒާހިރާއެވެ.

ޒާހިރާ ވަނީ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 31 އަހަރު ހިދުމަތް ކުރައްވާފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމުގައެވެ. އެމަގާމުން ޒާހިރާ ރިޓަޔާ ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.