ގއ. ވިލިނގިލި އަދި އެއަތޮޅު ދާންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ބުނީ އެދެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ގއ. ދެއްވަދޫ ކްލާސްޓާ އާ ގުޅިގެން ކަމަށެވެ.

އެގޮތުން އެ ކްލާސްޓާ ގުޅިގެން ދާންދޫއިން ދެ ކޭސް އަދި ވިލިނގިލިން އެއް ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭ އިން ބުނީ މިކަމުގެ އިތުރު ތަފްސީލު އެޗްއޯސީން އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދޭނެ ކަމަށެވެ.

ދެއްވަދޫން އިން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ އިރު އެ ރަށުގައި މިހާރު ހުރި ކޭސްތަކުގެ ޖުމްލަ އަދަދު 33 އަށް އަރާ، މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 3 މީހަކު ވަނީ ރަނގަޅު ވެފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ އެ ރަށުގެ ތިން ބައިކުޅަ އެއްބައި ގެތައް ހުރީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ. އެ ގޮތުން މިހާރު 56 ގެއެއް ކަރަންޓީން ކޮށްފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދުގެ މުއްދަތު ފުރިހަމަ ކުރަން ދިޔަ ބަޔަކަށް މައުލޫމާތު ނުބައިކޮށް ދެވި ކަރަންޓީނުން ރިލީސް ކޮށްލުމާ އެކު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައި ހުރި މީހަކު ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވި ފަހުން ކޮވިޑް ނަތީޖާ ޕޮޒިޓިވް ކަމަށް ލިބުމާ ގުޅިގެންނެވެ. މިހާރު އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަމުން ދާއިރު މިހާތަނަށް 300 އަށް ވުރެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށް ދެއްވަދޫ ކައުންސިލުން ބުނެއެވެ.