ލ. ގަމުން މިއަދު ފުރަބަންދުގައި ހުރި އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު އޭނާއާ އެކު އެގޭގައި ފުރަބަންދުގައި ތިބި އިތުރު ދެ މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާން ވިދާޅުވީ، މިއަދު އެ ރަށުން ޕޮޒިޓިވް 3 ކޭސް އެއް ފެނިފައި ވަނީ އެ ރަށުގައި ފުރަބަންދުގައި ހުރި ތިން މީހުންގެ ޓެސްޓުގެ ނަތީޖާއިން ކަމަށެވެ. ޕޮޒިޓިވް ނަތީޖާ ލިބުނު މީހުންގެ ތެރޭގާއި ހިމެނެނީ އެއް ގެއެއްގައި ތިބި 3 މީހުން ކަމަށް ޝާން ވިދާޅުވިއެވެ. އަދި އެމީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނޭ ކަން ސާފު ވާ ގޮތެއް ނުވެއެވެ.

ކޮވިޑް ބަލި ފެތުރެމުންދާ ރަށްރަށުުގެ ތެރެއިން ލ. ގަމަކީ ވެސް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވާ ރަށެކެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ ގއ. ދެއްވަދޫއިން ލ. ފޮނަދޫއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ.

އެގޮތުން މޮނިޓަރިންގެ ހާލަތަށް ލ. ގަން ބަދަލުކޮށްފައި ވާ އިރު މިހާތަނަށް ރެންޑަމް ސާމްޕަލްގެ ގޮތުގައި އެ ރަށުން 297 ސާމްޕަލް ނަގާފައިވާ ކަަމަށް ޝާން ވިދާޅުވިއެވެ. އަދި މި ސާމްޕަލްތައް ނަގާފައިވީ ނަމަވެސް ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލ. ގަމުގެ އިތުރުން ފޮނަދޫގައި ވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ގޮތުން މިހާތަނަށް ފޮނަދޫއިން 125 ސާމްޕަލް ނަގާފައިވާ ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ. ފޮނަދޫއިން ނެގި ސާމްޕަލް ތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.