ކ. މާފުށީގައި ކާރެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، ކ. މާފުށީގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މޫދަށް ވެއްޓިފައިވާ މައްސަލައެއް ރޭ 12:46 ހައިރު ފުލުުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި އިރު ކާރުގައި 3 މީހުން ތިބި ކަމަށާ އޭގެތެރެއިން 2 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުންގެ އެހީތެރިކަމާ އެކު މާފުށި ހެލްތު ސެންޓަރަށް އެ ދެމީހުން ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މާފުށީ ބަނދަރަށް ކާރު ވެއްޓުނު އިރު ބަނދަރުގައި އަޅަފައިވާ ދެ ލޯންޗެއްގައި އެ ކާރު ޖެހުނު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ކާރު ޖެހުނު ދެ ލޯންޗަށް ވެސް މި އެކްސިޑެންޓުގައި ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގި އިރު އެ ކާރު ދުއްވި ޑްރައިވަރަކީ އެ ކެޓަގަރޫގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.