ދިވެހިރާއްޖެއިން "ސޭފް ސްކޫލްސް ޑެކްލަރޭޝަން" ގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައި ވާތީ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހް މި ގޮތަށް ނިންމަވާފައި ވަނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ހުށަހަޅާފައިވާ ކަރުދާހަކަށް، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށް ފަހު އެ މަޖިލީހުން ދެއްވި ލަފާގެ މަތިންނެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަން އަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވާސިޓީތައް ރައްކާތެރި ކުރުމަށް ސިޔާސީގޮތުން ލާޒިމުކުރާ ބައިނަލްއަގްވާމީ ޑެކްލަރޭޝަންއެކެވެ. މި ޑެކްލަރޭޝަން އެކުލަވައިލާފައި ވަނީ އަސްކަރީ ހަމަނުޖެހުންތަކުން ރައްކާތެރިވެ ތިބެ އުނގެނުމަށް ކޮންމެ ދަރިވަރަކަށް ލިބިގެންވާ ހައްގު ކަށަވަރުކޮށް ދިނުމަށާއި ރައްކާތެރި މާހައުލެއްގައި ގަދަރުވެރި ކަމާއެކު އުނގަންނައި ދިނުމަށް ކޮންމެ މުދައްރިސަކަށް ލިބިގެންވާ ހައްގު ކަށަވަރުކޮށް ދިނުމަށެވެ.

މި ޑެކްލަރޭޝަންގައި އަސްކަރީ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް ކުރާ ތަފާތު ނޭދެވޭ އަސަރުތައް ފާހަގަކޮށް، މެދުކެނޑުމެއް ނެތް ގޮތެއްގައި ތައުލީމީ ހިދުމަތްތައް ދިނުމުގެ މުހިންމު ކަން ފާހަގަކޮށްފައި ވެއެވެ. އަދި، މި ޑެކްލަރޭޝަންގެ މަގްސަދުތަކުގެ ތެރޭގައި ހަނގުރާމައިގެ ހާލަތްތަކުގައި ވެސް މަދަރުސާތަކާއި ޔުނިވާސިޓީތަކަކީ ތައުލީމު ލިބިގަތުމަށާއި އިލްމީ ދިރާސާކުރުމަށް ރައްކާތެރި ތަންތަން ކަމުގައި ކަށަވަރުކޮށްދިނުން ވެސް ހިމެނެއެވެ.

ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ގައުމުތަކުން ބައިވެރިވުމަށް ހުޅުވައިލާފައި ވަނީ މެއި 29، 2015 ގައި ބޭއްވި "ދަ އޯސްލޯ ކޮންފަރެންސް އޮން ސޭފް ސްކޫލް" ގައެވެ.