ގއ. ދެއްވަދޫން އިތުރު 8 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް މައުމޫނު އިބްރާހިމް ވިދާޅުވީ އިއްޔެ ކޮވިޑަށް ޓެސްޓުކުރި މީހުންގެ ނަތީޖާ މިއަދު އައިސްފައިވާ ކަމަށާއި އެގޮތުން މިއަދު އެރަށުން އިތުރު އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއާއެކު މިހާރު އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 24 އަށް އަރާފައެވެ.

ދެއްވަދޫ އިން ފުރަތަމަ ޕޮޒިޓިވް ކޭސް ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މިހާތަނަށް 30 މީހުން ވަނީ މި ކްލާސްޓާ އާ ގުޅިގެން ޕޮޒިޓިވް ވެފައެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދުގެ މުއްދަތު ފުރިހަމަ ކުރަން ދިޔަ ބަޔަކަށް މައުލޫމާތު ނުބައިކޮށް ދެވި ކަރަންޓީނުން ރިލީސް ކޮށްލުމާ އެކު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައި ހުރި މީހަކު ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވި ފަހުން ކޮވިޑް ނަތީޖާ ޕޮޒިޓިވް ކަމަށް ލިބުމާ ގުޅިގެންނެވެ.

މިހާރު އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަމުން ދާއިރު އެ ރަށުން އެހެން ރަށްރަށަށް، މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށް ފަހު ދަތުރު ކުރި މީހުންވެސް ކޮވިޑް ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ކްލާސްޓާ ގުޅިގެން ލ. ފޮނަދޫ އާއި ލ.ގަން ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ ގއ. ދެއްވަދޫއިން ލ. ފޮނަދޫއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.