އަދާ ޖެހުނުއިރުވެސް އެ ވައިރަހުގެ އަސްލަކީ ކޮބައިކަން ހޯދިފައި ނުވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޝިކާރައަކަށްވެ، ފުރަތަމަ ފަހަރަށް މަރުގެ ކޭހެއް ރެކޯޑް ކުރީ ޗައިނާއިންނެވެ. ގޮތް ނޭނގޭ ބައްޔެއްގައި، 61 އަހަރުގެ ފިރިހެނަކު މަރުވި ހަބަރާއެކުގައެވެ. އެއީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 11 ވީ ހޮނިހިރު ދުވަހެވެ.

12 މަސްދުވަސް ފަހެވެ. މިއަދުވެސް، މި ވައިރަހަކީ އަސްލަކީ ކޮބައިކަމެއް ނޭނގެއެވެ. ނުވިތާކަށް، ވަކި ފަރުވާއެއްވެސް ހޯދިފައެއް ނެތެވެ. މަރުގެ ރެކޯޑް 1.9 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ. ބަލިމަޑުކަމަށް ނިމުން އަތުވެދާނެ ކަމުގެ ނިޝާނެއްވެސް ފެންނަން ނެތް ދަރަޖައަށް ރާސްތާ ވަނީ ބަނަވެފައެވެ.

އެމެރިކާގައި ކޮވިޑް-19ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އަންދާލުމަށްފަހު ބާކީ ހުރި ބައިތައް އަޅާ އަށީގައި ކްރެމަޓޯރިއަމްގެ މުވައްޒަފަކު ފާހަގައެއް ޖަހަނީ / ފޮޓޯ: އޭއެފްޕީ

ނަމަވެސް، މި ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށީ ވޫހާން ސިޓީއިން ފެންނަނީ ތަފާތު މަންޒަރެކެވެ. މިނިވަންކަމާއެކު ކޮޅުކޮޅު މައްޗަށް، ހޭލަމޭލައަށް މީހުން އުޅެއެވެ. ކޮވިޑް-19ގެ ގްރައުންޑް-ޒީރޯއަކީ އެއީ ކަމުގައިވެސް ހީ ނުވާ ދަރަޖައަށެވެ. ކޮވިޑް-19ގެ ފުރަތަމަ މަރުގެ ކޭހަކީ، ވޫހާންގައި ގަވައިދާ ހިލާފަށް ހިންގަމުން ދިޔަ ސީފުޑް މާކެޓަށް ގަވައިދުން ޒިޔާރަތް ކުރި މީހަކަށް ވީ ނަމަވެސް، އެމީހާގެ އެއްވެސް ތަފްސީލެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، ވޫހާންގެ ރަށްވެހިންގެ ހިތްތަކުން ކޮވިޑް-19 ގެ ބިރު ފިލަފައި ވާ ކަމުގެ އިހުސާސެއް ކުރެވޭ ކަމެވެ.

ވޫހާންގެ ބައެއް ރަށްވެހިން ފަހްރާއެކު ބުނަމުން ދަނީ، ޗައިނާގައި މިވަގުތު އޮތް އެންމެ ރައްކާތެރި މަންޒިލަކީވެސް އެއީ ކަމަށެވެ. ނަމަވެސް، ޗައިނާއަކީ މައުލުމާތު ހިފެހެއްޓުމުގެ ރެކޯޑް އޮތް ގައުމަކަށް ވާއިރު، މިކަމުގެ ހަގީގަތް އޮތް ގޮތެއް ކަށަވަރެއް ނުވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއެޗްއޯ)ގެ ތަހުގީގު ޓީމަށް އަދިވެސް އެ އުޅެނީ ޗައިނާއަށް ނޭރިގެންނެވެ.

ވޫހާންގެ ސިއްހީ ހިދުމަތްތެރިއަކު ކޮވިޑް-19ގެ ޓެސްޓު އެޑްމިނިސްޓާ ކުރަން ތައްޔާރުވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ރަސްމީ ރެކޯޑްތަކުން ޗައިނާގެ އަދަދުތައް ކިތަންމެ ދަށުގައި އުޅުނު ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ ހާލަކީ އެއީއެއް ނޫނެވެ. ކޭސް ނަމްބަރުތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރާ މަންޒިލްތައް އިންތިހާއެވެ. މަރުގެ ކޭސްތަކަށްވެސް މަޑުޖެހުމެއް ނާދެއެވެ. މޯޗަރީތައް ފުރި، ފިނިކުރާ ކޮންޓޭނަރުތަކަށްވެސް ގަބުރު ލާން ޖެހިއްޖެއެވެ.

ކޮވިޑް-19ގެ މަރުގެ ލިސްޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކި ގިންތިއާއި ފަންތީގެ މީހުންގެ ނަން ހިމެނެއެވެ. އިސް ލީޑަރުންނާ ހިސާބުން ފެށިގެން، ދުނިޔޭގެ އަލިކަން ދުށްތާ މަހެއް ނުވާ ތުއްތު ކުދިންވެސް ހިމެނެއެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވޫހާން ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: އެންވައިޓީ

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ލިބިފައި ވީ ނަމަވެސް، އެ ނަސީބު އަދި ހިފީ މުއްސަނދި ގައުމުތަކަށް ނިސްބަތްވާ މީހުންގެ އަތުގައެވެ. ނަމަވެސް، އެއީވެސް ފުރިހަމަ ދިފާއެއް ލިއްބައިދޭ ވެކްސިނެއް ނޫނެވެ. ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ މި ބަލިމަޑުކަމުގައި ކަލަންޑަރުގައި ފާހަގަ ޖަހަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.