ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޗެއާޕާސަންގެ މަގާމަށް އައިޝަތު ޒާހިރާ އައްޔަންކޮށްފިއެވެ.

މާލީ ސެކިޔުރިޓީސް އާ ބެހޭ ގާނޫނުގެ ދަށުން، ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑު އައްޔަނު ކުރައްވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ސީއެމްޑީއޭއިން ބުނީ ރާއްޖޭގެ މާލީ ސެކިއުރިޓީސް ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ހ. ސަނޯރާމާ، އާއިޝަތު ޒާހިރާ ވަނީ އައްޔަންކޮށްފައިވާ ކަމަށެވެ.

ޒާހިރާ ވަނީ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 31 އަހަރު ހިދުމަތް ކުރައްވާފައެވެ. އޭނާ އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމުގައެވެ. އެމަގާމުން ޒާހިރާ ރިޓަޔާ ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވީ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހުއެވެ. އެމްއެމްއޭގެ ގާނޫނު ބުނާގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވޭނީ ގިނަވެގެން ދެ ދައުރުއެވެ.