ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމަށް "ހާއްސަ އެހީ" އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަ ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ދަރިވަރުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީ ދިނުމަށްޓަކައި "ހާއްސަ އެހީ" ގެ ނަމުގައި ހުޅުވާލި ފުރުސަތުގައި ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އިއްޔެއިން ފެށިގެން ޖަނަވަރީ 14، 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 02:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ޝަކުވާ ހުށަހަޅާނީ މިނިސްޓްރީގެ ވެބްސައިޓަށް ނުވަތަ މިނިސްޓްރީގެ ކައުންޓަރަށް ކަމަށެވެ.

އަސާސީ ޝަރުތުތައް (ސުންގަނޑި ހަމަވުމަށްފަހު ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާއި ކޯހުގެ ފުރަތަމަ ސެމިސްޓަރުގެ ކިޔެވުން ފުރިހަމަކޮށްފައިނުވާ އެޕްލިކޭޝަންތަކާއި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައިވާ ލެވެލް 5 އިން ދަށުގެ ކޯސްތަކަށް ކިޔެވުމަށް އެހީއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް) ފުރިހަމަނުވާތީ، ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަންތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނެތް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.