ބިޔާދޫ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 53 އަށް އަރައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ޕޮޒިޓިވްވި ތިން މީހުންނާ އެކު ބިޔާދޫން ޕޮޒިޓިވްވީ މީހުންގެ އަދަދު 53 އަކަށް އަރާފައި ވާ ކަމަށެވެ.

ބިޔާދޫން ކޮވިޑްގެ ފުރަތަމަ ކޭސް ފެނިފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ އެ ރިސޯޓުގެ މުވައްޒަފަކު ބަލީގެ އަލާމަތްތައް ހުރުމުން މާލެ އައިސް ޑޮކްޓަރަށް ދައްކާ ޓެސްޓް ކުރުމުންނެވެ.

މި ރިސޯޓުން އިތުރު ކޭސްތައް ފެނިފައި ވަނީ މި ކޭސްއާ ގުޅިގެން ނެގި ސާމްޕަލް ތަކުންނެވެ. އަދި ޕޮޒިޓިވް ވި މީހުންގެ ތެރެއިން ގިނައީ އެ ރިސޯޓުގައި މުވައްޒަފުންނެވެ.

އިއްޔެ ރާއްހެއިން 44 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު އެ މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 24 މީހަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ކަރަންޓީނު ވި މީހުންގެ ތެރެއިން 16 މީހަކާއި، ހިންގަމުންދާ ރިސޯޓަކުން 4 މީހެކެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14109 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،336 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 49 އަށް ވަނީ އަރާފައެވެ.