ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވާ ކަމަށް ބުނެ ދައުރު ކުރަމުން ދަނީ ދޮގު ބަޔާނެއް ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި މިއަދު ބީއެމްއެލްގެ ބަޔާނެއް ކަމަށް ބުނެ ދައުރުވަމުން ދާ ބަޔާނެއްގައި ބުނީ ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި ކުރެވޭ މުއާމަލާތްތަކުގެ އަދަދު މަހަކަށް 150 ޑޮލަރަށް ކުޑަކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ ލިމިޓަށް ބަދަލު ގެނައުމާ ގުޅޭ ލިޔުމެއް އާންމު ނުކުރާ ކަމަށެވެ. އެގޮތުން މިހާރު ދައުރުވަމުން އެދަނީ ފޭކު ބަޔާނެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ބޭންކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނުވާނެ. ބޭންކުން ނިންމާ ނިންމުންތަކާ ގުޅޭ މައުލޫމާތު އަބަދުވެސް ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ.
ބީއެމްއެލް

ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް ހޭދަ ކުރެވޭނީ 250 ޑޮލަރެވެ. ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރެވެ.

ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށް ކުރެވުނު ކަމުގައިވީނަމަވެސް ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ބީއެމްއެލް އިން ވަނީ ހަމަޖައްސާފައެވެ.

މިގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމުން އެހިދުމަތަށް ލިބުމަށް ބޭންކުން މިހާރު ވަނީ މަގުފަހިކޮށްދީފައެވެ.