ރާއްޖޭގެ ކޮންމެ ރަށަކީ އެހެން ބައެއް ގައުމުތަކާ ހިލާފަށް ވަށައިގެން މޫދު ފެންނަން އޮންނަ ގައުމެކެވެ. އެ މޫދުން ދިވެހިންނަށް ހިތްހަމަ ޖެހުމާއި އުފަލުގެ އިތުރުން ހިތްދަތިކަމާއި ތުރާ ވެސް ގެނުވައި ދެއެވެ. މިއަދު ކިޔައި ދޭން މިއުޅެނީ ހަމަ އެފަދަ ހިތްދަތި ވާހަކައެކެވެ.
ރާއްޖޭގެ ދެކުނުން ދެވަނައަށް އޮންނަ ޏ. ފުވައްމުލަކުގައި އިއްޔެ ހަވީރު ހިނގައި ދިޔަ ހިތާމަވެރި ހާދިސާގެ ވާހަކައެވެ. ގްރޭޑް 10ގައި ތައުލީމު ހާސިލު ކުރަމުން ދިޔަ އުމުރުން އެންމެ 17 އަހަރު ކުއްޖެއްގެ ފަހު ވަގުތު ކޮޅުގެ ވާހަކައެވެ. އަހްމަދު ފައުޒާން ހަސަން، އޭނާގެ ފަހު ވަގުތު ކޮޅުން މުޅި ދުނިޔެއަށް އެ ދައްކައިދިނީ ފުރިހަމަ ނަމޫނާއެވެ. ކުއްލި އަކަށް ވަކި ވެގެން އެ ދިޔައީ މުޅި ގައުމު ފަހުރުވެރި ކޮށްލާފައެވެ.
ވަކިވެ ދިޔައީ އެހެން ފުރާނައެއް ސަލާމަތް ކުރުމުގެ ތެރޭގައި
އިއްޔެ ހަވީރު މުޅި ގައުމު ސިއްސުވާލި ހަބަރަކަށް ވީ މޫދަށް އެރި އުޅުނު ކުއްޖަކު ގެއްލިގެން ހޯދަމުންދާ ވާހަކައެވެ. ޑައިވް ކޮށްގެންނާއި ލޯންޗުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުންނާއި ރަށު ރައްޔިތުން ވެގެން ކުރަމުން ދިޔައިރު، މިއީ ކިހިނެއް ހިނގައިގެން އުޅޭ ހާދިސާއެއް ކަމެއް ނޭނގެއެވެ. ކުއްޖަކު ގެއްލިގެން ހޯދަމުން ދިޔައީ، ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދުންނެވެ.
މިކަމުގެ މައުލޫމާތު އަހާ ހޯދައިގެން ސާފު ކޮށްލީމެވެ. ގެއްލިގެން ހޯދަމުން ދިޔައީކީ މޫދަށް އެރި އުޅުނު ކުއްޖެއް ނޫނެވެ. މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަތް ކުއްޖަކު ސަލާމަތް ކުރަން އުޅުނު ކުއްޖެކެވެ. މާނޭރެ އަތިރީގައި ކަނޑާފައި އޮންނަ ނެރު ތެރެއަށް މޫދަށް އެރި އުޅުނު ދެ އަންހެން ކުދިން އޮޔާ ދަމައިގަތީމައި އެ ދެކުދިން ސަލާމަތް ކުރަން ފޭބި ދެ ކުދިންގެ ތެރެއިން އެކެކެވެ.
ފައުޒާން އަދި އޭނާގެ އެކުވެރިޔާ މޫދަށް ފޭބީ، ކުއްލިއަކަށް އައި ބާރު އޮއިވަރެއްގައި ޖެހި، އޮޔާ ދާން ފެށި ދެ އަންހެން ކުދިން ސަލާމަތް ކުރާށެވެ. ފައުޒާނާއެކު ފޭބި އޭނާގެ އެކުވެރިޔާއަށް ރައްކާތެރިކަމާއެކު ފަރު މައްޗަށް އެރުނު އިރު ފައުޒާނަށް ރައްކާތެރިކަމުގެ އައްސޭރިއާ ހަމައަށް ނުދެވުނީއެވެ. ބިރުގެންފައި ހުރި އަންހެން ކުއްޖާ ގާތު އޭނާ ސަލާމަތް ކޮށްދޭނެ ކަމަށް ބުނެ އަންހެން ކުއްޖާ ފަރު މައްޗަށް އެރުވި ވަގުތަކީ ފައުޒާންގެ ބޯ މަތިން ބިޔަ ރާޅެއް ބިންދާލި ވަގުތު ވެސް މެއެވެ. އޭނާ ގެއްލުނީ އެ ހިސާބުންނެވެ.
ރާޅު ހަމަޖެހިލުމުން ވެސް ފައުޒާންގެ ހިލަމެއް ނުވުމުން ކަމެއް ގޯސް ވެއްޖެކަން އެނގި، އޭނާއާއެކު މޫދަށް އެރި އުޅުނު އެކުވެރިން އެހީއަށް އެދި އެއްގަމާ ދިމާއަށް ދިޔައީއެވެ. ކަމާ ބެހޭ ފަރާތްތަކަށް ހާދިސާގެ ރިޕޯޓްކޮށް، ފައުޒާން ހޯދުމުގެ މަސައްކަތް ފެށީ އެ ހިސާބުންނެވެ. ލޯންޗުންނާއި އަޑިއަށް ފީނައިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށީއެވެ.
ފައުޒާން ގެއްލުނުތާ ގަޑިއެއްހާއިރު ފަހުން އޭނާ ފެނުނީ، ފީނައިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަން އުޅުނު މީހަކަށެވެ. އެ ސަރަހައްދުގެ ބާރު ގަދަ އޮޔާ ހަނގުރާމަ ކުރަމުން ފައުޒާން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޑައިވަރަށް އޭނާ ފެނުނީ، ޑައިވަރުގެ މާސްކު ދޫވެ، އެ ނަގަން ކުރި މަސައްކަތުން ކަމަށް މައުލޫމާތު ލިބެއެވެ.
ފައުޒާން ފެނުމާއެކު ލޯންޗަށް ނަގާ، ބަނދަރަށް ލޯންޗު ކައިރިކޮށް، އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ފުރާނަ ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ދިޔައީ ކުރަމުންނެވެ. ނަމަވެސް، މާގިނަ އިރެއް ނުވެ ޑޮކްޓަރުން އޭނާގެ މަރު ކަށަވަރު ކޮށްދީފިއެވެ.
ފައުޒާންގެ ހިތްވަރަށް މިއަދު މުޅި ގައުމު ފަހުރުވެރިވޭ
ކަނޑުވެ މަރުވާ މީހުންނަކީ ޝަހީދުންނޭ ބުނާ އަޑު އިވެއެވެ. މިއަދު މިއީ އެ ބަހުގެ މާނަ ފުންކޮށް އިހުސާސް ކުރެވޭ ދުވަހެކެވެ. އުމުރުން އެންމެ 17 އަހަރުގައި އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރި މަސައްކަތުގައި އަމިއްލަ ފުރާނަ ގެއްލި ދިޔައީއެވެ. އިންސާނިއްޔަތު ކަމުގެ ވަރުގަދަ ނަމޫނާއެކެވެ. މިއަދު މުޅި ގައުމު ފައުޒާނަށް މުހާތަބު އެ ކުރަނީ "ހީރޯ"ގެ ނަމުންނެވެ.
ފައުޒާން، ފުރާނަ ސަލާމަތް ކޮށްދިން އަންހެން ކުއްޖާގެ އާއިލާއިން ހިތުގެ ފުންމިނުން އެ ޝުކުރު އަދާކޮށް ދެނީ އޭނާ ކޮށްދިން ކަންތައް ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭނެ ކަމަށް ބުނަމުންނެވެ.
އާއިލާއާއި ރައްޓެހިން ރޮއްވާލި ފައުޒާންގެ ކުއްލި ވަކިވުމާއެކު އޭނާގެ ރައްޓެހިންނަށް އެންމެ އަޅައިގަތް އެއް ކަމަކީ މީގެ ދެ ދުވަސް ކުރިން ފައުޒާން ފޭސްބުކްގައި ޝެއާ ކުރި ޕޯސްޓެވެ. ތިމަންނަ ކުއްލިއަކަށް މަރުވެއްޖެ ކަމުގެ ހަބަރު ލިބިއްޖެ ނަމަ މައާފުކޮށް ދިނުމަށާއި ހެޔޮ ދުއާކޮށް ދިނުމަށް އެދި އޭނާ ކޮށްފައިވާ އާދޭހެކެވެ. މީގެ އިތުރުން ފާއިތުވި ދެތިން ދުވަސް ތެރޭގައި ރައްޓެހިންނާއި ވާހަކަ ދައްކާފައިވާ ގޮތުން، އޭނާގެ އުމުރުގައި ބާކީ އޮތީ ދެތިން ދުވަސްކަން އޭނާއަށް އެނގޭ ކަހަލައެވެ.
އެ ސަރަހައްދަކީ އެތައް ފުރާނައެއް ގެއްލިފައިވާ ސަރަހައްދެއް
ފުވައްމުލަކު މާނޭރެ އަތިރި އަކީ ކުރިން އޮޑި ދޯނިފަހަރު ރަށާ ގާތް ކުރަން ނެރު ކަނޑާފައި އޮންނަ ދިމާލެކެވެ. ފަރު ހިކިފައި އޮންނަ ވަގުތު، މާނޭރެ އަތިރީގައި މޫދަށް އެރި އުޅެވޭނެހެން ކޯރެއް ހެން އޮންނަނީ މިބުނާ ނެރެވެ. އެ ވަގުތުތަކުގައި މާ ކަނޑާ ހިސާބަށް ފަރު ހިކިފައި އޮންނައިރު، ނެރު ކަނޑާފައި އޮންނަ ދިމާލުގައި އޮއި ގަދަ ވެއެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ހަމަ މި ސަރަހައްދަށް މީހުން ގެއްލި، ނުވަތަ ގަނބައިގެން މަރުވެފައިވާ ހާދިސާތައް ފެންމަތިވެފައި ވެއެވެ. އެގޮތުން 2015 ވަނަ އަހަރު މޭ މަހު، ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރި ޑޮކްޓަރަކު އެ ދިމާ މޫދަށް ސްނޯކްލިން އަށް ފޭބުމަށް ފަހު ވީނުވީއެއް ނޭނގި ގެއްލިފައި ވެއެވެ. އެ ޑޮކްޓަރު ހޯދުމަށް ދެ ހަފްތާއެއްހާ ދުވަހު ކުރި މަސައްކަތުން ވެސް އޭނާ ފެންނަ ގޮތެއް ނުވިއެވެ. އަދި އަދަށް ދާން ދެން ވެސް އެ ޑޮކްޓަރުގެ މަރުވެފައި އޮތް މަސްގަނޑު ނުވަތަ ހަށިގަނޑުގެ ގުނަވަނެއް ވެސް ފެނިފައި ނުވެއެވެ.