މިދިޔަ ނޮވެމްބަރު 30 އަށް ފަހު ގއ. ދެއްވަދޫން އެހެން ރަށަކަށް ނުވަތަ މާލެއަށް ދަތުރު ކުރި މީހުން ނުވަތަ ކުދިން ސްކޫލަށް ނުދިއުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށް ފަހު ގއ. ދެއްވަދޫން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ނުވަތަ މާލެއަށް ދަތުރު ކޮށްފައި ވާ މީހަކު ހުރި ނަމަ، ކޮވިޑަށް ޓެސްޓު ކުރުމަށާއި އަދި ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް ނުވަތަ މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނިކުތުމަށެވެ.

މިދިޔަ ނޮވެމްބަރު 30 އަށް ފަހު ގއ. ދެއްވަދޫއިން އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން ވީ އެންމެ އަވަހަކަށް ކޮވިޑް އަށް ޓެސްޓު ކުރުމަށް އެޗްޕީޢޭއިން ބުނެއެވެ. އެ ގޮތުން ރަށްރަށަށް ދަތުރު ކުރި މީހުން އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރުން ސާމްޕަލް ނަގާ ނެގެޓިވް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން ބުނެއެވެ.

ހަމައެއާއެކު ދެއްވަދޫން މާލެއަށް އެ މުއްދަތުގެ ތެރޭގައި ދަތުރު ކުރި މީހުން މާލެ ހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭ ފުލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ސާމްޕަލް ނަގަން ދިއުމަށާއި އަދި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން ބުނެއެވެ. މާލޭގެ ސާމްޕަލް ނަގާ ތަންތަން މިރޭ 12 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

އަދި ޑިސެމްބަރ 25 ގެ ފަހުން ގއ. ދެއްވަދޫއިން ދަތުރުކޮށްފައި އައި ފަރާތެއް ނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫއިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. އަދި ކަރަންޓީނު ނިމުމަށްފަހު ޓެސްޓްކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނުމާ އެކު މިހާރު ގ ދެއްވަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައެވެ. ދެއްވަދޫން އިން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅިގެން 4 މަހުގެ ތުއްތު ކުއްޖެއްވެސް ވަނީ ޕޮޒިޓިވް ވެފައެވެ.