އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ހޮސްޕިޓަލެއްގައި، އަލަށް އުފަންވާ ތުއްތު ކުދިންނަށް ފަރުވާ ދިނުމަށް ގާއިމު ކޮށްފައިވާ ސިކް ނިއުބޯން ކެއާ ޔުނިޓް (އެސްއެންސީޔޫ) ނުވަތަ އެންއައިސީޔޫގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގާ، މަރުވި ކުދިންގެ އަދަދު 10 އަކަށް އަރައިފިއެވެ.

ރޭ މެންދަމުން އަލިވެ، އިންޑިއާ ގަޑިން 02:00 ހާއިރު އަލިފާނުގެ ހާދިސާ ހިނގިއިރު އެންއައިސީޔޫގައި 17 ކުއްޖަކަށް ފަރުވާ ދެމުން ދިޔައިރު، 7 ކުއްޖަކު ސަލާމަތް ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބަންޑާރާ ޑިސްޓްރިކްޓްގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ކަން އެންމެ ފުރަތަމަ ފާހަގަވީ ޑިއުޓީގައި ހުރި ނަރުހަކަށް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ނިއޯނޭޓަލް ޑިޕާޓްމަންޓާ ދިމާލުން ދުން އަރާ ތަން ފެނިގެން، ހޮސްޕިޓަލުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސް، މަދު މިނެޓް ކޮޅެއްގެ ތެރޭގައި އޮފިޝަލުންނަށް އެ ސަރަހައްދަށް ދެވުނު ކަމަށް މައުލޫމާތު ލިބެއެވެ.

ރެސްކިއު އޮޕަރޭޝަން ފެށީ، އަލިފާން ނިއްވާ ޓީމަށް އެހިސާބަށް ދެވުން ކަމަށް ހަބަރު ލިބެއެވެ. 7 ކުދިން ސަލާމަތް ކުރީ ފަޔާ ބްރިގޭޑުން ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ވިދާޅުވީ، 4 ފަންގިފިލާގެ މައްޗަށް އެކުލެވޭ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރު ނުވާ ކަމަށެވެ. ނަމަވެސް، އެއީ ކަރަންޓު ޝޯޓުވެގެން ހިނގި ހާދިސާއަކަށް ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ސިޔާސީ ލީޑަރުން ގެންދަވަނީ އާއިލާތަކަށް ތައުޒިއާގެ މެސެޖުތައް ފޮނުއްވަމުންނެވެ. އެގޮތުން ވެރިކަން ކުރާ ބީޖޭޕީގެ ލީޑަރު އަދި ޔޫނިއަމް ހޯމް މިނިސްޓަރު އަމީތު ޝާހްއާއި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީވެސް ވަނީ، މި ހާދިސާއާ ގުޅިގެން ތައުޒިއާގެ މެސެޖުތަކެއް ޓްވީޓް ކުރައްވާފައެވެ.