އެމްޑަބްލިޔުއެސްސީ އިން ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މިމަޝްރޫއުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވާފައި ވަނީ، ކުޑަފަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމު އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ކުޑަފަރީ ކައުންސިލްގެ ރައީސް ހަސަން މުހައްމަދުގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް ޖަޒްލާން އާދަމް ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖްމަންޓްގެ އިސް ފަރާތްތައް ބައިވެރިވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިމަޝްރޫއުގެ ތެރެއިން ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުޑަފަރީއަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިމަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގެ 20 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 9.5 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާ ކުރުމަށްޓަކައި 250 ކިއުބިކް މީޓަރުގެ 3 ޖޯންގި ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓަާ ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވި ގެންދާނެއެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުޑަފަރީގައި 1.8 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމް ކުރުމާއި 650 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 2 ޕަންޕިން ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާގާއިމް ކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓާ، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓާ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.
ކުޑަފަރީގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަސް ކަމަށާއި މިމަޝްރޫއަށް ޖުމްލަ 38،2 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިމަޝްރޫއުގެ މަސައްކަތް ނިމުމުން ކުޑަފަރީގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.