މި ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި 18،086 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު 555,399 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތް ކޮށްފައި ވެއެވެ.

މި ޖެނުއަރީ މަހު މިހާތަނަށް 18،086 ފަތުރުވެރިން އައިސްފައި ވާއިރު މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި 31,702 ފަތުރުވެރިން ރާއްޖެ އައިސްފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ 42.9 ފަސެންޓް ދަށް އަދަދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ 5,331 ފަތުރުވެރިންނެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 1,816 ފަތުރުވެރިންނެވެ. އަދި ތިން ވަނައަށް އެންމެ ގިނައީ ޔޫކްރެއިންނެވެ. އެއީ 1,779 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލި ފަހުން މަހުން މަހަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެފައިވާ އިރު، ދުވާލަކު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށް މިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 138 ރިސޯޓާއި 178 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 129 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. އެއީ 38645 އެނދެވެ.