އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ބިއްލޫރި ތަކެއް ބަރު ކުރަނިކޮށް، ޕެލެޓެއް ވެއްޓި އަނިޔާވި 2 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުން ކޮށްގެން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މި ހާދިސާގައި ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުން ދިޔަ މަޖޫރީ އެއް ޕެލެޓްގެ އަރިމަތީގައި ތާށިވެފައި ވާ ކަމަށާއި އަދި ދެވަނަ މަޖޫރިއަކަށް ވެސް މި ހާދިސާގައި އަނިޔާވެ، އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެންމެ ފަހުން ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވި ދެ މީހުންގެ ހާލު ވެސް ''ސްޓޭބަލް''އެވެ. އަދި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް މި ދެ ފަރާތަށް ވެސް ލިބިފައެއް ނުވެއެވެ.
އެމްޕީއެލް

މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލު ވަރަށް ގާތުން ބަލަމުން ދާ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މި ހާދިސާ ތަހުގީގު ކޮށް މި ފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން ބުނީ މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތް ތަކެއް ކުރާ ތަނަކަށް ވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރި ވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށެވެ.