ކޮވިޑް ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ ނިޔަމަ ޕްރައިވެޓް އައިލެންޑްސް މޯލްޑިވްސް ރިސޯޓުން މިހާރު ޖުމްލަ 14 ކޮވިޑް ކޭސް ފެނިފައިވާ ކަމަށްއެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ، ނިޔަމަ ރިސޯޓުން ޖުމްލަ 14 ކޭސް ފެނިފައިވާ އިރު އެ ކޭސްތަކާ ގުޅުން ހުރި ކޮންޓެކްޓުންގެ ގޮތުގައި 26 މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

އެ ރިސޯޓްގެ ފުރަތަމަ ކޭސްތަކާ ގުޅިގެން ރެންޑަމް ސާމްޕަލްގެ ގޮތުގައި 87 ސާމްޕަލް ނެގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އޭގެތެރެއިން އެކަކުވެސް ޕޮޒިޓީވް ވެފައި ނުވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މިހާރު އެ ރިސޯޓުގައި ތިބި ކޭސްތަކުގެ ތަފްސީލް ހަމާ ކުރަމުން ނަޒްލާ ވިދާޅުވީ، 14 ކޭސްގެ ތެރޭގައި ހިމެނެނީ އެ ރިސޯޓުގެ 5 ސްޓާފުން ކަމަށެވެ. އެހެކަމުން ބާކީ ތިބި 9 ކޭސްއަކީ އެ ރިސޯޓަށް ޒިޔާރަތްކުރި 9 ފަތުރުވެރިންނެވެ.

ރާއްޖެއިން މިހާރު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13،988 އަށް އަރާފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،238 އަށް އަރާފައެވެ. މި ވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 694 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 44 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މާލެ ސަރަހއްދު ފިޔަވައި މިވަގުތު މީހުން ދިރިއުޅޭ 22 ރަށެއްގައި 40 އެކްޓިވް ކޭސް އެބަ ތިއްބެވެ.