ގއ. ދެއްވަދޫގައި ކަރަންޓިނަށް ގޮސްތިބި މީހުންގެ ތެރެއިން ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓްވި އިތުރު 6 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް މެންބަރު އަހުމަދު ނަޖްމީން ވިދާޅުވީ، އެ ރަށުން މިއަދު ޖުމްލަ 7 މީހަކު ޕޮޒިޓިވްވެގެން އެރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ކަރަންޓިންގެ ހުރި ފަރާތަކީ 4 މަހުގެ ތުއްތު ކުއްޖެއްގެ މަންމަ ކަމަށާއި އަދި އޭނާއާ ކޮންޓެކްޓްވި 6 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އޭނާ ވިދާލުވިއެވެ.

ރަށް މޮނިޓަރިންގެ ހާލަތަށް ލީ އިރު މިހާރު އެ ރަށުގައި ޖުމްލަ 10 ކޭސް އެބަ ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މީގެ ކުރިން ކަރަންޓީންގައި ތިބި މީހުންގެ ތެރެއިން ބަލީގެ އަލާމަތް ފެނިގެން ޓެސްޓު ކުރި 3 މީހަކާ މިއަދު ޕޮޒިޓިވް ނަތީޖާ ލިބުނު 7 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މިދިޔަ މަހުގެ 24 ގައި އެރަށުން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް ނަތީޖާ ލިބުމުގެ ކުރިން ނުބައި މައުލޫމާތެއް ފޯރުކޮށްދެވުމާ އެކު ކަރަންޓީނުން ދޫކޮށްލެވިފައި ވާ ކަމަށް މައުލޫމާތު ލިބުމާއެކު އޭނާ ބޭރަށް ނުކުމެ އެހެން މީހުންނާ ކޮންޓެކްޓްވީ ފަހުން ނަތީޖާ ލިބިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މިކޭސްއާ ގުޅިގެން 4 މަހުގެ ތުއްތު ކުއްޖެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އަދި އެ ކުޑަކުއްޖާ އާ ކޮންޓެކްޓްވި މީހުން ކަރަންޓިން ކޮށް ސާމްޕަލް ނެގި ކަމަށާއި މިއަދު ލިބުނު ނަތީޖާ ގައި އިތުރު 6 މީހެއްގެ ނަތީޖާ ޕޮޒިޓިވްވެ އެކަކު އިންކޮންކްލޫސިވްވެފައިވާ ކަަމށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން މޮިހާރު ރަށުތެރޭގައި ބަލީގެ ހަލާތު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމެންދެން އެ ރަށް މޮނިޓަރިންގެ ހާލަތުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13،988 އަށް އަރާފައެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،238 އަށް އަރާފައެވެ. މި ވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 694 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 44 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މާލެ ސަރަހއްދު ފިޔަވައި މިވަގުތު މީހުން ދިރިއުޅޭ 22 ރަށެއްގައި 40 އެކްޓިވް ކޭސް އެބަ ތިއްބެވެ.