ތ. ވޭމަނޑޫގައި ކުރިއަށް ގެންގޮސް މަޑުޖެހިގފައިވާ އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ މަސައްކަތުގެ ނުނިމި ހުރި މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތްތައް ފައްޓަވާ ދެއްވާފައި ވަނީ، ވޭމަންޑޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ޗެއާމަން އަހްމަދު މައުސޫމެވެ.
ވޭމަންޑޫގެ ނަރުދަމާ މަޝްރޫއަކީ މީގެ ކުރިން އެހެން ފަރާތަކާ ހަވާލުކުރެވިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް، ސަރުކާރުން އެކުންފުންޏާ ހަވާލްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. މި މަޝްރޫއުގެ މުއްދަތަކީ ހަތަރު މަސް ދުވަސް ކަމަށާއި މަސައްކަތް ނިމުމުން ތ. ވޭމަންޑޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކްގެ ނުނިމިވާ 319 މީޓަރުގެ ނެޓްވޯކް ގާއިމް ކުރުމާއި، 98 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ޕަންޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތާއި، 1 ސީ އައުޓް ފޯލް ގާއިމް ކުރުމާއި ވޭލް ޗެމްބަރު ބެހެއްޓުމުގެ މަސައްކަތުގެ އިތުރުން އެސްޓީޕީ ބިލްޑިންގެ ނުނިމި ހުރި މަސައްކަތާއި، އެސްޓީޕީގެ ސިވިލް އަދި އިލެކްޓްރޯމެކޭނިކަލް މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ތ.ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ނުނިމިހުރި މަސައްކަތްތައް، ނިންމުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ފަރާތުން އެމްޑަބްިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.