މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 327 މީހަކު ޝަރީއަތް ނިމެންދެން، ބަންދުގައި އެބަތިބި ކަމަށް ޕޮރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީން މިހެން ބުނެފައިވަނީ ބަންޑާރަ ނައިބުގެ ސިޔާސަތުގައި ކަނޑައަޅައިފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި 2020 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޕީޖީ އޮފީހުން ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެއްގައެވެ. މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، މިއަހަރުގެ ދެވަނަ ހާއްސަ ރިޕޯޓު ކަމަށް ޕީޖީން ބުނެއެވެ.

އެގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތަފާސް ހިސާބު ދައްކާ ގޮތުން ޖޫން މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 327 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެބަތިއްބެވެ.

މީގެ ތެރެއިން 29 މީހުންނަކީ ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތިކަމާ ހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. ރިމާންޑް ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި 100 ދުވަސްވެފައި ތިބި މީހުން ވެސް އެބަތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރިމާންޑު މަރުކަޒުތަކަށް ބަލާއިރު މާލޭ ޖަލުގައި 149 މީހުންނާއި މާފުށި ޖަލުގައި 134 މީހުންނާއިި ހުޅުމާލެ ޖަލުގައި 14 މީހުން އަދި އައްސޭރި ޖަލުގައި ކުޑަކުއްޖަކު ހިމެނެއެވެ.

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ މީހުންގެ ބަންދު ރިވިއު ކުރުމަށްފަހު 39 މީހަކު ޝަރުތާއެކު ދޫކޮށްލަން އަދި 3 މީހަކު ޑީޕޯޓު ކޮށްލުމަށް ޕީޖީއިން ނިންމާފައިވާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.

ހަމައެހެންމެ އެ މުއްދަތުގެ ތެރޭގައި ރިމާންޑް ޖަލެއްގައި ބައިތިއްބުމަށް އަމުރުކޮށްފައިވާ 29 މީހަކު ކަސްޓޯޑިއަލް ޖަލުގައި އެބަތިބި ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

މިމުއްދަތުގައި، ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގައި ދިމާވެފައިވާ ގާނޫނީ އަދި އަމަލީ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ދެ އިސްލާހުން އެދެވޭ ނަތީޖާތަކެއް ހާސިލްވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ނަމަވެސް މިކަމަކީ ވަރަށް ގިނަ މުއައްސަސާތަކެއްގެ މަސައްކަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށާއި މިވަގުތު ފެންނަ މަންޒަރަކީ ހުރިހާ މުއައްސަސާތަކަކުން ވެސް އެއް މިސްރާބަކަށް މަސައްކަތް ބައްޓަންވެފައި މަންޒަރު ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ބައިތިއްބާ މީހުންގެ މައްސަލަތަކަށް ފާހަގަ ކުރެވޭފަދަ އިސްލާހީ ބަދަލެއް އަންނާނެކަމަށް ފެންނަ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ މިމަސައްކަތް ކާމިޔާބު ކުރެވޭނީ މިކަމުގައި ސާބިތުވެ ތިބެގެން ކަމަށާއި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާ އެމައްސަލަތައް ހައްލުކޮށް، ކަމާބެހޭ ހުރިހާ މުއައްސަސާއެއް އެއްކޮށް މަސައްކަތް ކުރެވިގެން ކަމަށެވެ.