ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޑަބްލިޔުއެޗްއޯ ގުޅިގެން ރާއްޖެއަށް އެއް މިލިއަން ޑޮލަރު އެހީ ދީފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި އެހީއަކީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުން ކުޑަ ކުރުމަށާއި އެމަޖެންސީގައި ފަރުވާދޭ ވަސީލަތްތައް އިތުރު ކުރުމަށް ދިން އެހީއެއް ކަމަށެވެ.
އެގޮތުން މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ ބޭހާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ރީޖަނަލް ކޮވިޑް އައިސީޔޫ ފެސިލިޓީތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ރީޖަނަލް އައިސީޔޫއެއް ގާއިމް ކުރުމަށާއި އައިސޮލޭޝަނަށް އަދި އައިސީޔޫ އަށް ގެންދާ ބަލި މީހުންނަށް ދޭ ހިދުމަތް މިހާރަށް ވުރެ ހަރުދަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އީޔޫ އިން ސްރިލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ ވިދާޅުވީ މި އެހީ އަކީ ކޮވިޑްގެ ބަލި މަޑުކަމުން އަރައިގަންނަން އެކި ގައުމުތަކަށް އީޔޫއިން ވަމުން އަންނަ އެހީތަކުގެ ތެރެއިން ރާއްޖެއަށް ފޯރުކޮށްދިން އެހީއެއް ކަމަށެވެ. އަދި މި އެހީ އަކީ ރާއްޖެއަށް މިވަގުތަށް މުހިއްމު އެހީ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެހީ އާ ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގައި ޑަބްލިއުއެޗްއޯ އާއި އީޔޫ އިން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. މިނިސްޓަރު ވަނީ ޑަބްލިއުއެޗްއޯ އިން އަދި އީޔޫ އިން ރާއްޖެއަށް ވަމުން ދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.