ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށްޓަކައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީ ޕީޖީ ވަޓްސްއެޕް ގްރޫޕުގައެވެ. އެގޮތުން އާޒިމް ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ދައުރުން ބޭރުން މިމަހުގެ 15 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާޒިމް މިހެން ވިދާޅުވެފައި ވާއިރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ކައުންސިލް އިންތިހާބު އަވަހަށް ބާއްވަން ގާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އަންނަ މާޗް މަހުގެ 6 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އައި ލޯކަލް ކައުންސިލް އިންތިހާބު މާޗް މަހު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހަށް ދަންމާލުމާ ގުޅިގެން މާޗް މަހު އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށް އެއްވެސް ތައްޔާރީއެއް ވެސް ކުރެވެން ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލާތާ މަދުވެގެން 2 މަސް ފަހުން ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ފެބްރުއަރީ މަހު މަޖިލިސް ހުޅުވެން ވާއިރަށް ގާނޫނަސް އިސްލާހު ގެނައުމަށް ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުން ކެމްޕޭން ވެސް ހުއްޓުނެވެ. އެހެން ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތަށް ސިޔާސީ ޕާޓީތަކަށް ކެމްޕޭން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ. އަދި މި ހާލަތުގައި އިންތިހާބު ރައްކާތެރިކަމާއެކު ބޭއްވުމަށް އީސީ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.