"އެއްބާރުލުން ދިނުމާއި ހަމަޖެހުން ގާއިމު ކުރުމުގެ" އެއްބަސްވުމެއްގައި އަރަބި ގަލްފު ގައުމުތަކުގެ ލީޑަރު ދާޑި ދެންމެއަކު ސޮއި ކުރައްވައިފިއެވެ.

އަހަރުތަކަކަށް ދިގުލާ ގޮސްފައިވާ ކޯޅުންތަކެއްގައި ބެދިފައިވާ އަރަބި ގަލްފު ގައުމުތަކުގެ ލީޑަރުން، ތާރީހީ އެއްބަސްވުމެއްގައި ސޮއިކުރެއްވިކަން ބައިނަލްއަގުވާމީ މީޑިއާއަށް ކަށަވަރު ކޮށްދެއްވީ، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ އިސްވެރިންގެ ބައްދަލުވުން މިހާރު ކުރިއަށްދާ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް)އެވެ.

މިހާރު ކުރިއަށްދާ ޖީސީސީ ސަމިޓަކީ، 2017 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން، ސައުދީގެ އިއްތިހާދީ ގައުމުތަކާއި ގަތަރާ ދެމެދު އުފެދިފައި އޮތް ސިޔާސީ ނުތަނަވަސްކަން ނިމުމަކަށް ގެނައި ތާރީހީ ސަމިޓްވެސްމެއެވެ.

ސުލްހަ ގާއިމު ކުރުމުގައި އެމެރިކާއާއި ކުވައިތުން މެދުވެރިއެއްގެ ގޮތުގައި އަދާކޮށްދިން މުހިންމު ދައުރު ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާ ކުރައްވަމުން އެމްބީއެސް ވިދާޅުވީ، ސަރަހައްދީ ކުރިއެރުމަށްޓަކައި ދޭދޭ ގުޅުންތައް އެކަތިގަނޑަކަށް ހެދުން އިންތިހާއަށް މުހިންމުވެފައި ވާ ކަމަށެވެ. ވަކިން ހާއްސަކޮށް އީރާނުގެ ނިއުކްލިއާ އަދި ގެއްލުންދެނިވި ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ސަބަބުން ސަރަހައްދީ ފެންވަރުގައި ނުރައްކަލާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި އެއްބާރުލުން ދިނުމާއި ހަމަޖެހުން ގާއިމު ކުރުމަށް ޖީސީސީއިން އެއްގަލަކަށް އެރުން މުހިންމު ކަންވެސް އެމްބީއެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ މެމްބަރުން 6 ގައުމުގެ ލީޑަރުންވެސް ވަނީ "އަލް-އޫލާ" އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމަށް ނަން ދީފައި ވަނީ، ބައްދަލުވުން ކުރިއަށްދާ ސިޓީއަށް ނިސްބަތް ކޮށެވެ.