ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ޖަޒީރާއެއް ކަމަށްވާ ރިޕަބްލިކް އޮފް ޕަލާއޯއަކީ، މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އެންމެ ކޭހެއްވެސް އަދާ ޖެހުނުއިރު ރެކޯޑް ކޮށްފައި ނުވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މި ބަލިމަޑުކަމުގައި ޕަލާއޯގެ އަތުގައި ނަސީބު ހިފާފައި ވާ އިރު، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދިނުމަށް ގައުމުތަކުން ހިފާފައިވާ އަމާޒުގައިވެސް ޕަލާއޯއިން ދަނީ ކުރި ހޯދަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ގާތްގަނޑަކަށް 18000 އެއްހާ މީހުންގެ އާބާދީއެއް އޮތް ރިޕަބްލިކް އޮފް ޕަލާއޯއިން ވަނީ، އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި، މޮޑާނާއިން ތަރައްގީ ކޮށްފައިވާ ކޮވިޑް ވެކްސިންގެ ޑޯޒްތަކެއް ކަށަވަރު ކޮށްފައެވެ. އެގޮތުން، މޮޑާނާގެ ފުރަތަމަ ޝިޕްމަންޓް ޕަލާއޯއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ހަބަރު ލިބެއެވެ. ޖެހިގެން އައި ދުވަހު ވެކްސިން ދޭން ފަށައިފިއެވެ. ޕަލާއޯގެ ސިއްހަތާ ބެހޭ ވުޒާރާއިންވެސް ވަނީ މިކަން އިއުލާން ކޮށްފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް މޮޑާނާ ކުންފުނިން ތަރައްގީ ކުރާ ވެކްސިންގެ ރަމްޒީ ތަސްވީރެއް / ފޮޓޯ: ދަ ވާޖް

ޕަލާއޯގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި ފުރަތަމަ ޝިޕްމަންޓްގެ ޑޯޒްތައް ހާއްސަ ކުރަނީ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނާއި، މުހިންމު އޮފިޝަލުންގެ އިތުރުން، ނާޒުކު ގުރޫޕުތަކުގައި ތިބި އާންމުންނަށް ކަމަށެވެ.

އަދާ ޖެހުނުއިރުވެސް އެންމެ ޕޮޒިޓިވް ކޭހެއްވެސް ފެނިފައި ނުވާއިރު، މި ބަލީގައި ޕަލާއޯއިން މީހެއްގެ ފުރާނަ ގެއްލިފައި ނުވާ ކަންވެސް ޑަބްލިއުއެޗްއޯއިން ކަށަވަރު ކޮށްދެއެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް ޕަލާއޯއިން ކޮވިޑް ވެކްސިން ކަށަވަރު ކުރީ، އެމެރިކާގެ ސަރުކާރުން ހިންގާ އޮޕަރޭޝަން ވޯޕް ސްޕީޑްގެ އިއްތިހާދީ ބައިވެރިއެއްގެ ގޮތުގައެވެ.