ދުނިޔޭގައި އެންމެ ފަހުން ތައާރަފު ވި މޯބައިލް ޓެކްނޮލޮޖީ، 5ޖީ، ރާއްޖޭގައި ތައާރަފު ކޮށްފައިވާ އިރު އެ ހިދުމަތުގެ އެންމެ ބޮޑު އެއް ފުރިހަމަ ކަމަކީ ލޭޓެންސީ ކަމަށް އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނިޔާޒް ވިދާޅުވީ، 5ޖީ ގައި ހުންނަނީ "ހައި ސްޕީޑަކާއި" "ލޯ ލޭޓެންސީ" ކަމަށެވެ. 5ޖީ ހިދުމަތުގެ "ބިއުޓީ" އަކީ ލޭޓެންސީ (ކަމެއް ހިނގުމަށް ނަގާ ވަގުތު) ކަން ފާހަގަ ކުރައްވަމުން ނިޔާޒް ވިދާޅުވީ 5ޖީ ހިދުމަތުގައި 6 މިލިސެކަންޑުގެ ތެރޭގައި، ބޭނުން ކުރާ ހިދުމަތެއްގައި ލޯޑް ކުރާ އެއްޗެއް ލޯޑް ވާނެ ކަމަށެވެ. ނަމަވެސް އާންމުކޮށް ބޭނުން ކުރާ 4ޖީ ގައި ލޭޓެންސީ ހުންނަނީ 20 ނުވަތަ 25 މިލިސެކަންޑު ގައެވެ.

އުރީދޫ 5ޖީ ހިދުމަތާއެކު ވީއާރް ގޭމް ކުޅުމުގެ ތެރެއިން / ފޮޓޯ: އުރީދޫ

5ޖީ ހިދުމަތް ތައާރަފު ކުރި އިރު އެންމެ ބޮޑަށް މި ހިދުމަތުން ފަސޭހަކަމެއް ލިބިގެން ދާނީ ގޭމް ކުޅޭ މީހުންނަށާއި، ވީޑިއޯ ކޯލް ކުރާ ފަރާތްތަކަށް ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެގޮތުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ވެސް މި ހިދުމަތަކީ ބޭނުންތެރި ހިދުމަތަކަށް ވާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ 5ޖީ ހިދުމަތާއެކު ވީއާރް ބޮކްސް އިން ގޭމް ކުޅުމުގެ ތެރެއިން / ފޮޓޯ: އުރީދޫ

އުރީދޫން 5ޖީ ހާއްސަކޮށް ތައާރަފު ކޮށްފައި ވަނީ ވިޔަފާރިތަކަށް ކަމަށާއި އެ ހިދުމަތް ތައާރަފު ކުރީ 5ޖީ އެއާ ފައިބާ މެދުވެރިކޮށް ކަމަށް ނިޔާޒް ވިދާޅުވިއެވެ. އެގޮތުން އެއާ ފައިބާ މެދުވެރިކޮށް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ޖެހޭނީ މޮޑެމް އެއް ގަންނަން ކަމަށާއި އެ މޮޑެމްއާ އެކު ފިކްސްޑް ލައިން ސާވިސް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއާ ފައިބާ ހިދުމަތަކީ މަގުމަތީ ކޭބަލް އަޅައިގެން ދޭ ހިދުމަތެއް ނޫން ކަމުން މޮޑަމް ގަތުމާ އެކު ވަގުތުން އެ ހިދުމަތް ލިބިގެން ދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

https://www.facebook.com/OoredooMaldives/posts/10158436039091939

ވިޔަފާރިތަކުންނާއި ގޭމް ކުޅޭ މީހުން މިހާރު އުރީދޫ 5ޖީގެ ހިދުމަތް ބޭނުން ކުރަން ފަށާފައިވާ އިރު ރާއްޖެއަކީ ގޭމް ކުޅޭ ބޮޑު އާބާދީއެއް އޮތް ގައުމެކެވެ. އެ ގޮތުން ވީއާރް ގޭމިން އާއި ޕަބްޖީ ފަދަ ގޭމްތަކަކީ ދިވެހިންގެ ތެރޭގައި މަގްބޫލް ގޭމްތަކެއްކަން ފާހަގަ ކުރެވެއެވެ.

ގޭމިން ދުނިޔެއަށް އިންގިލާބެއް ގެނެސްދޭ 5ޖީ އުރީދޫން ތައާރަފު ކޮށްފައި ވާ އިރު އެ ކުންފުނިން ވަނީ ގޭމް ކުޅޭ ޒުވާނުންނަށް ހާއްސަކޮށް ވީއާރް ޓޯނަމަންޓެއް ބާއްވަން ތައްޔާރު ވެފައެވެ. މި މުބާރާތުގައި ބައިވެރިން މިދިޔަ މަހުގެ ފަހުކޮޅު ރަޖިސްޓާ ވެފައި ވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ގައެވެ. މިއީ މިފަދަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އުރީދޫ 5ޖީ ހިދުމަތް ތައާރަފް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: އުރީދޫ

ރާއްޖޭގައި 2ޖީ އިން ފުރަތަމަ ހިދުމަތް ފޯރުކޮށް ދޭން ފެށި އުރީދޫ، މިހާރު 5ޖީގެ ހިދުމަތް ފަށާފައިވާ އިރު، އެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަަރަށް ތައާރަފު ކޮށްފައި ވަނީ މާލެ އަށެވެ. އެގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނުވައިދޭ 5ޖީ ނެޓްވޯކް އުރީދޫން ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފު ކޮށްފައެވެ.