ކޮވިޑް19 ގެ ހާލަތުގައި ވެސް ނިމިދިޔަ 2020 ވަނަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބު އަހަރެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިހެން ވިދާޅުވީ މިފެށުނު 2021 ވަނަ އަހަރު ފުރަތަމަ މަސައްކަތު ދުވަހު އެކުންފުނިން ބަލަހައްޓަމުން ގެންދާ ހުރިހާ އިންޖީނުގެއެއްގެ މުވައްޒަފުންނާއި ލައިވް ސްޓްރީމް މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ. މިޢީ، ސްޓެލްކޯގެ ތާރީހުގައި ވެސް ލައިވް ސްޓްރީމް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންނާއި މުޣްނީ ވާހަކަ ދެއްކެވި ފުރަތަމަ ފަހަރުވެސްމެއެވެ.

މުޣުނީ ވިދާޅުވީ 2020 ވަނަ އަހަރު ނިމިގެން ދިޔައިރު މަސައްކަތްތަކުގެ މައްޗަށް ނަޒަރު ހިންގާ ބަލާލަން ޖެހޭ ކަމަށާއި، އަދި ކުރިއަށް ކަނޑައަޅަންވާ މިސްރާބު ކަނޑައެޅުމުގައި ނިމިދިޔަ ތަނުގެ ތަޖުރިބާތައް ދެނެގަންނަން ޖެހޭ ކަމަށެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ހާސިލް ކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅާ މިސްރާބު ހިފަންޖެހޭ ކަމަށް މުޣުނީ ވިދަޅުވިއެވެ. މުޣުނީ ވަނީ ކޮންމެ މުވައްޒަފަކު އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން އެކަން ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއަށް 2020 ވަނަ އަހަރަކީ ކާމިޔާބުގެ އަހަރެއް ކަމަށާއި "ކޮވިޑް-19" ގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސަރަހައްދު ފުރަބަންދުވީ، ކުންފުނިން ފޯރުކޮށްދޭ ހިދުމަތް މެދު ނުކެނޑި ފޯރުކޮށް ދިނުމަށް އެތެރޭގައި 220 މުވައްޒަފުން ފުރަބަންދު ވެގެން ކަމަށް މުޣުނީ ވިދާޅުވިއެވެ. އަދި އާއިލާއާއި ވަކިން އޮފީހުގައި ބަންދުވެ ތިބެ ކުރަން ޖެހުނު މަސައްކަތަކީ ބުރަ އަދި އުނދަގޫ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެކަމުގައި އެ މުވައްޒަފުން ދައްކައިދިނީ ގައުމީ ހިތްވަރާއި ކުންފުންޏަށް އިހުލާސްތެރި ވުމުގައި ނަމޫނާ މިސާލެއް ކަމަށާއި އަދި ލޮކްޑައުންގައި ގޭގައި ތިބެގެން މަސައްކަތް ކުރި މުވައްޒަފުންގެ ސަޕޯޓިން މަސައްކަތާއި އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުން ވެސް ކުރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުން މިންޖުވުމަށް ކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ މަސައްކަތަކަށް ވާއިރު އެކަމުގައި މިކުންފުނި ޝާމިލްވެ އަމަލީ ގޮތުން މަސައްކަތް ކުރެވިފައި ވާކަން ފާހަގަ ކުރަން. އެގޮތުން ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެ NEOC ގެ އެކި ހިދުމަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތް ކޮށްފައިވާ ކަން މި ފާހަގަ ކުރަނީ އެ މުވައްޒަފުންގެ ހިދުމަތަށް ފަހުރުވެރި ވަމުން. ކުންފުނިން މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ، ހޭދަ ކޮށްފައި ވާނެ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ

މީގެ އިތުރުން އެ އުދަނގޫ ދަނޑިވަޅުގައި ކަރަންޓު މެދު ނުކެނޑި ފޯރުކޮށްދިނުމާއި، ވޮލަންޓިއާ މަސައްކަތަށް ނުކުތުމުގައި މުވައްޒަފުން ބައިވެރިވުމާއި، މާލެއާއި އަތޮޅުތަކުގައި އިންޖީނުތައް އޯވާ ހޯލްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި ހާއްސަކޮށް އަހަރުގެ "ޕީކް" ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހި ހިދުމަތް ދެމުން ގެންދިޔަ ގެންދިއުން އެއީ ކުންފުނީގެ ތާރީހުގެ ތެރެއިން ވެސް ލިޔެވިގެން ދާނެ ފަހުރުވެރި މަސައްކަތްތައް ކަން ޟުޣުނީ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ވާ "ފިފްތު ޕަވާ މަޝްރޫއު " އާއި "އިންޓާ ކަނެކްޝަން" މަޝްރޫއު މަސައްކަތް ވެސް ނުހުއްޓި އެހާލަތުގައި ވެސް ކުރިއަށް ދިޔަކަން މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.

ތެލަށް ބަރޯސާވެ، ކަރަންޓު އުފެއްދުން އެކަނި އެއީ ކުންފުނީގެ ވިޔަފާރިއަށް ހަދައިގެން ތިބުމުގެ ބަދަލުގައި އެހެން ވިޔަފާރިތަކަކަށް އިންވެސްޓްކޮށް ފުޅާ ކުރުމާއި ސޯލާގެ ވިޔަފާރި ފުޅާ ކުރުމަށް އަޅުގަނޑުމެން ކުރި މަސައްކަތް ހުސްވި އަހަރު ނިންމާލީ ފްލޯޓިން ސޯލާގެ އަމިއްލަ ޕްރޮޖެކްޓެއް "ސްޓެލްކޯ ސޯލާ ޕޮޑް – ގުރީން ލައިފް" ގެ ނަމުގައި ނިމުނު އަހަރު އެންމެ ފަހު މަސައްކަތް ދުވަހު ލޯންޗް ކުރުމާއެކު، މިއީ މި ސިނާއަތަށް މި ކުންފުނިން ދޫކޮށްލި މުހިއްމު އުފެއްދުމެއް.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ

މުޣުނީ ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްޓެލްކޯގެ ހިދުމަތުގެ 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގައުމީ ޖަލްސާއަށް ވަޑައިގެން މި ސިނާއަތުގައި އަމިއްލަ އުފެއްދުމާއި ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމަށް ކުރެއްވި އުއްމީދު ހަގީގަތަށް ހެދުމަށް ކުރެވިގެން ދިޔަ ވަރަށް ފަންނުވެރި އަދި ބިނާ ކުރަނިވި މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން، ރައީސް ސޯލިހު އިއުލާން ކުރައްވާފައިވާ ގޮތަށް މި ފެށުނު އާ އަހަރަކީ ގައުމު އާރަސްތު ކުރުމުގެ އަހަރުކަމަށްވާތީ، ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ މި އަހަރުގެ އަމާޒަކީ ހަރަދު ކުޑަކުރުމާއެކު، އާ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ، ފޯރުކޮށްދިނުމާއި ސްމާޓް މީޓަރު ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ހޯދައިދިނުން ކަމަށް މުޢުނީ ވިދާޅުވިއެވެ.