ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނނިން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިން، އިންޑިއާއިން ބޭރަށް އެކްސްޕޯޓް ނުކުރެވޭ ގޮތަށް އެ ގައުމުން ހަމަޖައްސައިފިއެވެ.
އެސްއައިއައިގެ ސީއީއޯ އަދާރު ޕޫނަވައްލާ ވިދާޅުވީ ސިނާއީ ފެންވަރުގައި އެ ކުންފުނިން އުފައްދަމުން އަންނަ އަސްޓްރާޒެނީކާގެ ކޮވިޑް ވެކްސިން، އިންޑިއާއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތެއް ނެތް ކަމަށާ، މިއަހަރުގެ މާޗް މަހުގެ ނިޔަލަށް މިކަން އޮތީ މިހެން ކަމުގައި ވުން އެކަށީގެންވާ ކަމަށެވެ.
ޕޫނަވައްލާ ވިދާޅުވީ އަސްޓްރާޒެނީކާގެ ވެކްސިން އުފެއްދުމަށް އެސްއައިއައި އަށް ދޫކޮށްފައިވާ ރިސްޓްރިކްޓަޑް ލައިސަންސްއެއް ކަމަށެވެ. އެ ލައިސަންސް ބުނާ ގޮތުން ވެކްސިން އުފައްދައިދޭން ޖެހެނީ ހަމައެކަނި އިންޑިއާގެ ސަރުކާރަށެވެ. އެއީ ވެކްސިނަށް އެންމެ ބޭނުން ޖެހިފައިވާ ގިންތިތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށްވެސް އެސްއައިއައިސިގެ ސީއީއޯ ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.
ކުއްލި ހާލަތުގައި ބޭނުން ކުރުމަށް އިންޑިއާގެ ރެގިއުލޭޓަރުން، އަސްޓްރާޒެނީކާގެ ވެކްސިނަށް ރުހުން ދިނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ޕޫނަވައްލާ ވިދާޅުވީ، އެއްބަސްވުމުގައި ވާ ގޮތުން، ޕްރައިވެޓް ކުންފުންޏަކަށްވެސް ވެކްސިން ފޯރުކޮށްދިނުމަށްވެސް ފުރުސަތެއް ނެތް ކަމަށެވެ.
ޕޫނަވައްލާ ވިދާޅުވީ މިއަހަރުގެ އޭޕްރިލް ނުވަތަ މާޗް މަހުގެ ތެރޭގައި މިކަމަށް ލުޔެއް ލިބުން އެކަށީގެން ވާ ކަމަށެވެ.
އެސްއައިއައިއިން ދަނީ ވެކްސިން އުފެއްދުމުގެ މަސައްކަތުގެ ދުވެލި ހަލުވި ކުރަމުންނެވެ. އެގޮތުން، މި މަސް ނިމޭއިރު 50 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށް އަމާޒު ހިފާފައި ވާ ކަމަށް ޕޫނަވައްލާ ވިދާޅުވިއެވެ.
އިންޑިއާއިން ބޭރަށް ވެކްސިން ނުގެންދެވޭ ގޮތަށް އެގައުމުން ކަނޑައެޅުމަކީ، ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުން ވެކްސިނަށް ކުރާ އުއްމީދު އިތުރަށް ދިގުލާ ދާން މަޖުބޫރު ކުރުވަނިވި ކަމެކެވެ.
ނަމަވެސް އެސްއައިއައިއިން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީއަށް 200 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުމަށް، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވައުދުވެފައި ކަންވެސް ފާހަގަ ކުރަންޖެހެއެވެ. ނަމަވެސް، މި ކަންވެސް ވާން އޮތީ، އިންޑިއާގެ ސަރުކާރުން ކަނޑައަޅާ މުހުލަތު ހަމަވުމުން ކަމަށް މައުލޫމާތު ލިބެއެވެ.
އެސްއައިއައިއިން އަސްޓްރާޒެނީކާގެ ވެކްސިން ޑޯޒްއެއް އިންޑިއާގެ ސަރުކާރަށް ވިއްކަނީ ޝޮޓެއް 2.74 ޑޮލަރުގެ ރޭޓުގައެވެ. ޕްރައިވެޓް މާކެޓަށް ޝޮޓެއް ވިއްކަން ކަނޑައަޅާފައި ވަނީ 13.70 ޑޮލަރަށް ކަމަށް ވާއިރު، އެކްސްޕޯޓް މާކެޓަށް ވެކްސިން ޑޯޒް އެއް ވިއްކާނީ 3-5 ޑޮލަރާ ދެމެދު އަގުތަކެއްގައި ކަމަށް ހަބަރު ލިބެއެވެ.