ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި ވެކްސިން، އާންމު އުސޫލުން ދިނުމުގެ މަސައްކަތް މިއަދު ފަށާނެ ކަން އިނގިރޭސިވިލާތުން ހާމަކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ތާރީހުގައިވެސް އެ ގައުމުގައި ހިންގާ އެންމެ ބިޔަ ވެކްސިން ކެމްޕޭންގެ ތެރެއިން އެ ގައުމުގައި މިއަދު އަސްޓްރާޒެނީކާގެ ވެކްސިން ދޭން ފަށާއިރު، އިނގިރޭސިވިލާތަކީ އާންމު އުސޫލުން މި ވެކްސިން ދޭން ފަށާ ފުރަތަމަ ގައުމަށް ވާނެއެވެ.
ސާވޭލަންސް މަގުސަދަށްޓަކައި ހޮސްޕިޓަލުތަކަށް މި ވެކްސިން ފޯރުކޮށްދޭނީ މަދު އަދަދުތަކުން ކަމަށް ހަބަރު ލިބެއެވެ. ބޮޑު ޝިޕްމަންޓުތައް ޑެލިވާ ކުރަން ފަށާނީ މި ހަފުތާގެ ފަހުކޮޅު ކަމަށް ނޭޝަނަލް ހެލްތު ސާވިސަސް އިންގްލަންޑްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ވެކްސިން ދިނުމަށް ހާއްސަކޮށްގެން 700 މަރުކަޒެއް މިހާރުވެސް ދަނީ އޮޕަރޭޓް ކުރަމުންނެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކުގެ 100 ސައިޓަކާއި، ޖެނެރަލް ޕްރެކްޓީޝަނުންގެ ހިދުމަތް ލިބޭ 180 މަރުކަޒެއްގައިވެސް ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް އިނގިރޭސިވިލާތުން ދަނީ ތައްޔާރު ވަމުންނެވެ. މި ހަފުތާ ތެރޭގައި މި މަރުކަޒުތަކުގެ އޮޕަރޭޝަން ފަށާނެ ކަމަށް ހަބަރު ލިބެއެވެ.
އަސްޓްރާޒެނީކާގެ ވެކްސިނަކީ މިދިޔަ މަހު އިނގިރޭސިވިލާތުގައި އާންމު އުސޫލުން ބޭނުން ކުރަން ފެށި ފައިޒާ/ބައޮއެންޓެކްގެ ވެކްސިނަށްވުރެ ރައްކާ ކުރުމަށާއި އުފުލާ ހެދުމަށް ފަސޭހަ ވެކްސިނެކެވެ.
އެންއެޗްއެސް އިންގްލަންޑްއިން ބުނީ، ދޮށީ އުމުރުގެ މީހުންނަށް ހާއްސަ ކޮށްފައިވާ މަރުކަޒުތަކުގައި ދިރިއުޅެމުން އަންނަ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކަށް މިމަސް ނިމޭއިރު ވެކްސިން ދީ ނިމޭނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ގައުމުން މިހާރު ފައިޒާ/ބައޮއެންޓެކްގެ 1 މިލިއަން ޑޯޒްގެ ވެކްސިން ދީފައި ވާނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ފައިޒާ/ބައޮއެންޓެކްގެ ވެކްސިންގެ 2 ޑޯޒްގެ ގެ ދެމެދުގައި ހޭދަވާ 21 ދުވަހުގެ މުއްދަތު އިތުރަށް ދަންމާލެވިދާނެ ކަމަށް ބުނެފައެވެ. އެކަމުގައި މައްސަލައެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށާ، މިކަން މިގޮތަށް ކުރަނީ، ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ލިބުމުގެ ފުރުސަތު ފަހި ކުރުމަށް ކަމަށްވެސް އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.