ސުލްހަވެރި ރޫހެއްގައި ޖައްވީ ގުޅުން ބަދަހި ކުރުމަށް އިންޑިއާ އާއި ބޫޓާން އިން ސޮއިކުރި އެއްބަސްވުމަށް، އިންޑިއާގެ ވަޒީރުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ސުލްހަވެރި ރޫހެއްގައި ޖައްވީ ގުޅުން ބަދަހި ކުރުމަށް އިންޑިއާއާއި ބޫޓާންއިން އެއްބަސްވުން އެކުލަވާލީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި އެއްބަސްވުމަށް އިންޑިއާގެ ފަރާތުން ރުހުން ދީފައި ވަނީ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.

ވަޒީރުންގެ މަޖިލީހުން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ، މި އެއްބަސްވުމަކީ މަސްލަހަތު އެކުލެވޭ ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަނިވި އެއްބަސްވުމެއް ކަމަށެވެ. އެގޮތުން ސެޓެލައިޓް ކޮމިއުނިކޭޝަން، ރިމޯޓް ސެންސިންގް އަދި ސެޓެލައިޓް ބޭނުންކޮށްގެން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމާ، ޖައްވީ ސައެންސްއާއި ތަރިތަކުގެ ސައެންސާ ބެހޭ ދިރާސާތައް ކުރުމާއި، ޖައްވީ އުޅަނދު ފަހަރާއި، ޖައްވީ ނިޒާމާއި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދިނުން ފަދަ ކަންކަމަށް މި އެއްބަސްވުމުން ފުރުސަތު ފަހި ކުރާ ކަމަށް މައުލޫމާތު ލިބެއެވެ.

ސުލްހަވެރި ރޫހެއްގައި ޖައްވީ ގުޅުން ބަދަހި ކުރުމަށް އިންޑިއާއާއި ބޫޓާންއިން މަޝްވަރާ ކުރަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފައެވެ. އެގޮތުން، 2017 ވަނަ އަހަރުގެ ނޮވެމްވަރު މަހުވެސް މިފަދަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

ޖައްވީ ބާރު ގަދަ ކުރުމަށް އިންޑިއާއިން އަމާޒު ހިފާފައި މިވަނީ، އިންޑިއާގެ ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް ޗައިނާއިންވެސް ޖައްވީ ބާރު ގަދަ ކުރުމަށް އިންގިލާބީ މަޝްރޫއުތަކެއް ހިންގަމުން އަންނަ ދަނޑިވަޅެއްގައެވެ.