އިންޑިއާގައި ވެރިކަން ކުރަމުން އަންނަ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ކޮންޓްރޯލް އޮންނަ މަދްޔަ ޕްރަދޭޝްގައި ހިންދޫންނާއި މުސްލިމުންގެ މެދުގައި ހިންގަމުންދާ ސިލްސިލާ ހަމަނުޖެހުންތަކާ ގުޅިގެން ބަޔަކު ހައްޔަރު ކޮށްފައި ވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މަދްޔަޕްރަދޭޝްގެ މަންދަސޫރާއި އިންދޫރު ޑިސްޓްރިކްޓްގައި ކަމާ ބެހޭ ފަރާތްތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް ތަންފީޒު ކުރަން ފަށާފައެވެ.

މުސްލިމުންނާއި ހިންދޫންނާއި ދެމެދު ހަމަނުޖެހުން ހިންގަން ފެށި އުއްތަރަ ޕްރަދޭޝްގެ ސްޓޭޓްގެ އާޔޯދާގައި ފައްޅިއެއް އެޅުމުގެ މަސައްކަތަށް ފަންޑު ހޯދުމަށް ހިންދޫން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ. މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ އިންދޫރު ޑިސްޓްރިކްޓްގައި ފަންޑު ހޯދުމުގެ މަސައްކަތް ހިންދޫން ކުރިއަށް ގެންދިޔައީ މިސްކިތުގައި ނަމާދު ކުރަމުން ދިޔަ ވަގުތެއްގައި ކަމަށް ވެއެވެ. މިސްކިތް ކުރިމަތީގައި ހަރަކާތް ކުރިއަށް ގެންދިޔައިރު ފަންޑު ހޯދުމުގެ ނަމުގައި، ހިންދޫ ޝިއާރުތައް އިއްވާ އަޑު ގަދަ ކުރިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ މަންޒަރުތަކުން ފެންނަ ގޮތުގައި ހިންދޫންގެ ބަޔަކު ވަނީ މިސްކިތުގެ މުންނާރު ހަލާކު ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ. މި މީހުން އެކަން ކުރީ ފުލުހުންގެވެސް ހާޒިރުގައެވެ. ނަމަވެސް އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސް ޔޯގީޝް ދޭޝްމުކް ވަނީ، މިއީ ލަދުވެތި އަމަލެއް ކަމަށާ، މިކަން ކުރި މީހުން ހޯދުމަށް ޓީމެއް އެކުލަވާލާފައި ވާ ކަމަށެވެ. ހަމަލާ ދޭން އައި މީހުންގެ ފައުޖާ އަޅާ ބަލާއިރު ފުލުހުންގެ އަދަދު މަދު ކަމަށާ، މަސްރަހު ކޮންޓްރޯލް ނުވީ އެ ސަބަބާ ހެދި ކަމަށް ވިދާޅުވެ، ފުލުހުންގެ އޮފިޝަލު ވަނީ ދިފާއަށް ކުޅުއްވާފައެވެ.

މިކަމުގައި ފުލުހުންގެ ބައިވެރިވުން އޮތް ކަމަށް ބުނާއިރު، އެ ކަން ބަލަމުން އަންނަ ކަމަށާ، މި ކަމަށް ސާބިތު ކުރަނިވި ހެކި ލިބިއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ދޭޝްމުކް ވަނީ ވިދާޅުވެފައެވެ.

ދޭޝްމުކް އިތުރަށް ވިދާޅުވީ، މި ހަމަނުޖެހުންތަކާ ގުޅިގެން 29 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން އުއްޖައިން ސަރަހައްދުގައިވެސް މި ޒާތުގެ ހަމަނުޖެހުންތަކެއް ހިންގާފައި ވާ އިރު 100 އެއްހާ މީހުންނާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވާ ކަމަށް ހަބަރު ލިބެއެވެ. މީގެ ތެރެއިން މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ 50 އެއްހާ މީހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ހިންދޫން ފަންޑު ހޯދުމަށް މަސައްކަތް ކުރަމުން ދަނީ ކުރިން ބާބްރީ މިސްކިތް ހުރި ބިމުގައި ފައްޅި އެޅުމަށެވެ. މި ބިމުގައި ފައްޅި އެޅުމަށް ހުއްދަ ދީފައި ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުންނެވެ. މި ބިމުގެ ބަދަލުގައި، 5 އޭކަރުގެ އެހެން ބިމެއްގައި މިސްކިތް އެޅުމުގެ ފުރުސަތު މުސްލިމުންނަށް ވަނީ ދީފައެވެ.

އިންޑިއާގެ ހިންދޫންނަކީ، އާބާދީގެ ނިސްބަތުން ބައިމަދު މީހުންގެ ދީނަށް ފުރައްސާރަ ކުރުމުގެ ތާރީހެއް އޮތް ބައެކެވެ. މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައިވެސް މިފަދަ ހަމަނުޖެހުންތަކެއް ހިންގާ، 50 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީވެސް މުސްލިމުންނެވެ.