އޭޝިއާ ސަރަހައްދުގައި ހުރި އެންމެ މުއްސަނދި މީހާގެ ޝަރަފު، އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީއަށް ގެއްލިއްޖެއެވެ.
އޭޝިއާ ސަރަހައްދުގެ އެންމެ މުއްސަނދި މީހާގެ ޝަރަފު އަމްބާނީއަށް ގެއްލުނީ، ވެކްސިން އުފައްދާ ކުންފުންޏަކާއި، ފެން އުފައްދާ ކުންފުންޏެއްގެ އޯނަރު ކަމަށް ވާ ޝޯންގް ޝޭންޝޭންގެ މިލްކިއްޔާތުގެ އަގު އުފުލިގެން ދިއުމާ އެކުގައެވެ.
ޗައިނާގެ އެންމެ މުއްސަނދި މަހުޖަނުގެ ގޮތުގައި ހުރި ޖެކް މާ ވައްޓާލުމަށް ފަހު ޗައިނާގެ ޝީޖިއާންގް ޕްރޮވިންސްގައި 1996 ވަނަ އަހަރު، ނޯންގްފޫ ސްޕްރިންގްގެ ނަމުގައި ބޯފެން ބަންދުކުރާ ކާރުހާނާއެއް ހިންގަން ފެށި ޝޯންގް ޝޭންޝޭން، ޗައިނާގެ އެންމެ މުއްސަނދި މަހުޖަނުގެ ޓައިޓަލް ހޯދީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭރު ޝޯންގްގެ މިލްކިއްޔާތުގައި 58.7 ބިލިއަން ޑޮލަރު ހުރި ކަމަށް، ބްލޫމްބާގް ބިލިއަނާޒް އިންޑެކްސްއިން ދެއްކިއެވެ.
ބްލޫމްބާގް މިލިއަނާޒް އިންޑެކްސްގެ މިހާރުގެ ރެކޯޑްތަކަށް ބަލާއިރު ޝޯންގްގެ މިލްކިއްޔާތުގެ އަގު 77.8 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މިއާއެކު އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި 11 ވަނަ އަށް އެންމެ މުއްސަނދި މަހުޖަނެވެ.
ނޫސްވެރިކަމާއި މަޝްރޫމް ދަނޑުބިންތައް ގެންގުޅުމުގެ އިތުރުން ސިއްހީ ވިޔަފާރީގެ ސިނާއަތުގެ ވަނަވަރު އޮތް ޝޯންގް މަޝްހޫރުވެފައި ވަނީ "ލޯން ވުލްފް"ގެ ނަމުންނެވެ.
ޝޯންގްގެ މިލްކިއްޔާތުގެ އަގު ރެކޯޑް އަދަދަކަށް އުފުލިގެން ދިޔައީ އޭނާގެ ފެން ކުންފުނީގެ ހިއްސާ، ބާޒާރުގައި ވިއްކަން ފެށުމާއެކުގައެވެ. މީގެ އިތުރުން ޝޯންގް އަކީ ވެކްސިން ތަރައްގީ ކުރާ ކުންފުންޏެއްގެ މުހިންމު ހިއްސާދާރެއް ކަންވެސް ފާހަގަކުރަންޖެހެއެވެ.
ޝޯންގްގެ ފިޔައިގެ ދަށަށް ބެއިޖީންގް ވަންޓާއި ބައޮލޮޖިކަލް، ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ފެން ކުންފުނި "ނޯންގްފޫ ސްޕްރިންގް" ލިސްޓު ކުރީ ހޮންގްކޮންގްގައެވެ. މިއާއެކު ހިއްސާގެ އަގުތައް 155 ޕަސެންޓަށް އުފުލުނެވެ. އަދި ބެއިޖީންގް ވަންޓާއި ބައޮލޮޖިކަލްގެ ހިއްސާގެ އަގުތައް 2000 ޕަސެންޓް އުފުލުނެވެ. މި ކުންފުންޏަކީ ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ކުންފުންޏެކެވެ.
ބްލޫމްބާގުން ބުނާ ގޮތުގައި ޝޯންގްގެ މިލްކިއްޔާތުގެ އުގު އުފުލިގެން ދިޔައީ ތާރީހުގައިވެސް ރެކޯޑް ހަލުވި ދުވެއްޔެއްގައެވެ.
ކޮވިޑް-19ގެ ކާރިސާގައި، މުއްސަނދިން އިތުރަށް މުއްސަނދިވި ކަމީ ތަފާސް ހިސާބުތަކުން ފެންނަން އޮތް ހަގީގަތެކެވެ. އެމެޒޯންގެ ބާނީ ޖެފް ބޭޒޯސްގެ މިލްކިއްޔާތުވެސް ހަމަ ދަނީ އިތުރު ވަމުންނެވެ. އަމްބާނީގެ މިލްކިއްޔާތަށް ވަންނަ ފައިސާގެ އަދަދުވެސް ވަނީ އިތުރެވެ. ފޭސްބުކްގެ ވާނީ މާކް ޒަކަބާގްއާއި، އަލީބާބާގެ ރަސްގެފާނު ޖެކް މާގެ މުއްސަނދިކަމުގެ ވާހަކަވެސް އޮތީ ހަމަ މިފަދަ ގޮތަކަށެވެ.