ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުން ދެ މީހަކާއި ރިސޯޓްތަކުން 15 މީހެކެވެ. މިއަދު 47 މީހަކު ޕޮޒިޓިވްވީ ނެގި 2974 ސާމްޕަލްގެ ތެރެއިންނެވެ. މި ވަގުތު ކޮވިޑަށް ޕޮޒިޓިވް 558 މީހަކު ރާއްޖޭގައި ތިބި އިރު، އޭގެ ތެރެއިން 29 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13738 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 13125 އަށް އަރާފައި ވާއިރު މި ބަލީގައި ނިޔާވީ 48 މީހެކެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށް ނިޔާވި 7 މީހަކީ މި ބަލީގައި ނިޔާވި މީހުން ނޫން ކަމަށް ވަނީ ނިންމާފައެވެ.

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 47 ކަމަށް އެޗްޕީއޭ އިން ބުނެފައި ވާއިރު، ޝީ ބިލްޑިންގައި ބޭއްވި ކާވެނި ހަފްލާއެއްގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ މީހުންގެ ތެރޭގައި ހައި ރިސްކު މީހުން ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 62 އަށް އަރާފައެވެ.

ޝީ ބިލްޑިންގްގައި ބޭއްވި މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވި ކަމަށް މައުލޫމާތު ލިބިފައި ވާއިރު، ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު ވަނީ މިހަފްލާގައި ބައިވެރިވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.